މިފްކޯ ޕަބްލިކް ކުންފުންޏަކަށް ހަދަނީ

ރާވާފައިވާ ގޮތަށް ތަރައްގީ ކުރެވެމުން ދާނަމަ ކުރިއަށް އޮތް ތަނުގައި މިފްކޯ އަކީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލު ކުރާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމަށް މިފްކޯގެ ތަރައްގީގެ މަޝްރޫއުތަކެއް ރާވާފައި ހުރި ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި މިފްކޯއަކީ މަސްވެރިންގެ އަތުން މަސް ގަނެ އެ މަސް ޕްރޮސެސް ވެސް ކުރެވޭނެ ތަނަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކޯލްޑް ސްޓޯރޭޖް ނެތް ރަށްރަށުގައި ކުރިއަށް އޮތް ތަނުގައި ކޯލްޑް ސްޓޯރޭޖް ބަހައްޓައި ބްރައިން ފެސިލިޓީ ގާއިމް ކުރުމަށް ރާވާފައި ހުރި ކަމަށް ފައުޒީ ވިދާޅުވި އެވެ. މީގެ އިތުރުން މިހާރު ހުރި ވަސީލަތްތައް އިތުރަށް ތަރައްގީ ކުރަންވެސް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައުޒީ ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އޮންނަ ގޮތަށް މިފްކޯ ތަރައްގީ ކުރުން ކަމަށެވެ. އެގޮތުން މިފްކޯ ތަރައްގީ ކުރާނީ މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތާވެސް އެކު ކަމަށް ފައުޒީ ވިދާޅުވި އެވެ.
މިހާރު މިފްކޯ އަކީ އެސްޓީއޯ އާއި އެލައިޑް އިންޝުއަރެންސްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.