ބީއެމްއެލް އިސްލާމިކް އިން ގްރީން ފައިނޭންސިންގ ތައާރަފު ކޮށްފި

ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
އާދިއްތަ , 27 ޑިސެމްބަރ 2020 | 14:15

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިސްލާމިކް ބްރާންޗުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓްތައް ހިންގުމަށް ގްރީން ފައިނޭންސިންގ ތައާރަފު ކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ މިއީ އެނާރޖީ އެފިޝަންޓް މުދާ ގަތުމަށް އިންވެސްޓްކުރުމަށާއި ސޯލާ ޕަވަރ ޖެނެރޭޓް ކުރުންފަދަ ޕްރޮޖެކްޓްތައް ހިންގުމަށް ތައާރަފްކުރެވުނު އައު ފައިނޭންސިންގ ފެސިލިޓީއެއް ކަމަށެވެ.

ގްރީން ފައިނޭންސިންގ މެދުވެރިކޮށް ޝަރުތު ފުރިހަމަވާ ކަސްޓަމަރުންނަށް ރަހުނަކާ ނުލައި %12 ގެ ރޭޓުގައި 50،000 ރުފިޔާ އިން ފެށިގެން 500،000 ރުފިޔާ އާ ހަމަޔަށް ފައިނޭންސް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ފައިނޭންސް އަނބުރާ ފައިސާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު މި ފައިނޭންސް އަށް އެދި ހުށަހަޅާއިރު އަމިއްލައަށް އެއްވެސް ޚަރަދެއްކުރާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުން 20 މިލިއަން ރުފިޔާއާ ހަމައަށް ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ހިންގުމަށް %10 ގެ ރޭޓުގައި ރަހުނާއެކު ގްރީން ފައިނޭންސިންގ ދޫކުރުމަށްވެސް ބީއެމްއެލް އިން ވަނީ ނިންމައިފަ އެވެ. އެގޮތުން މި ފެސިލިޓީއަށް އެދި ހުށަހަޅާ ކަސްޓަމަރުން ޖުމްލަ ޚަރަދުގެ %15 އަމިއްލަ އަށް ޚަރަދު ކުރަން ޖެހޭނެކަމަށް ބީއެމްއެލް އިން ބުނެ އެވެ. އަދި ފައިނޭންސްކޮށްދޭ އަދަދުގެ % 150 އަށް ވުރެ ކުޑަ ނޫން ރަހުނެއް ބަހައްޓަން ޖެހޭނެ އެވެ. މިފައިނޭންސިންގ އަށް އަނބުރާ ފައިސާ ދެއްކުމުގެ އެންމެ ދިގު މުއްދަތެއްގެ ގޮތުގައި 20 އަހަރު ވަނީ ކަނޑައަޅައިފަ އެވެ.

ބީއެމްއެލްގެ ޑިރެކްޓަރ އޮފް އިސްލާމިކް ބޭންކިންގ ސުރީ ހާނިމް މުޙައްމަދު ވިދާޅުވީ އަލަށް ތައާރަފް ކުރި ގްރީން ފައިނޭންސިންގ އަކީ ތިމާވެއްޓާ ރައްޓެހި ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށް އަދި ހާއްސަކޮށް ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަށް ބޭނުންވާ މިންވަރު ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލައި، ޝަރުޢީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފް ކުރެވުނު ފެސިލިޓީއެއް ކަމަށެވެ. އަދި މި ފެސިލިޓީއާއެކު ފަރުދުންނާއި ވިޔަފާރިތަކަށް ރަނގަޅު ޕްރޮޑަކްޓް ޕޯޓްފޯލިއޯއެއް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ލިބިގެންދާނެ ކަމަށްވެސް ހާނިމް ވިދާޅުވި އެވެ.

ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ފަރުމާ ކުރެވިފައިވަނީ އިސްލާމިކް ބޭންކިންގއާ ގުޅޭ ބައިނަލްއަޤްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުޢީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތުގެ މަތިންނެވެ. ގްރީން ފައިނޭންސިންގ އަށް އެދި ހ. ޒޮނޭރިއާ ގައި ހުންނަ ބީއެމްއެލްގެ އިސްލާމިކް މާލެ ބްރާންޗަށް ހުށަހެޅޭނެ އެވެ. އަދި އަތޮޅު ތެރެއިންނަމަ ބީއެމްއެލްގެ ކޮންމެ ބްރާންޗަކަށްވެސް އެދި ހުށަހެޅޭނެ އެވެ. ބީއެމްއެލް އިސްލާމިކް ގްރީން ފައިނޭންސިންގއާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް https://link.bml.com.mv/green-financing އިން ލިބޭނެ އެވެ.