ގަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ގަތަރު އެއާވޭޒްގެ ފްލައިޓުތަކެއް ވީއައިއޭގައި
ގަތަރު އެއާވޭޒްގެ ފްލައިޓުތަކެއް ވީއައިއޭގައި
ބުރާސްފަތި , 31 ޑިސެމްބަރ 2020 | 13:55

ގަތަރު އެއާވޭޒް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނީ އިއްޔެއިން ފެށިގެން ގަތަރު އެއާވޭޒްއިން ދުވާލަކު ހަތަރު ދަތުރު ރާއްޖެއަށް ކުރާނެ ކަމަށެވެ. މީގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ކުރަމުން ދިޔައީ ދުވާލަކު ތިން ދަތުރެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި މި ގެނައި ބަދަލާއިއެކު ގަތަރު އެއާވޭޒް އިން އެކަނިވެސް ދުވާލަކު 1،100 އަށްވުރެއް ގިނަ ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.

މިއީ ކޮވިޑް-19 އަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވި ފަހުން ގަތަރު އެއާވޭޒްއިން ރާއްޖެއަށް ދަތުރުތައް އިތުރު ކުރި ދެވަނަ ފަހަރެވެ.

ރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ހުޅުވި ފަހުން އެންމެ ފުރަތަމަ ދަތުރުތައް ފެށި އެއާލައިނަކީ ގަތަރު އެއާވޭޒް އެވެ. އޭގެ ފަހުން މިހާރު ރާއްޖެއަށް ވަނީ 25 އެއާލައިނަކުން ދަތުރު ފަށައިފަ އެވެ.

ބޯޑަރު ހުޅުވި ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް މާބޮޑު ކުރިއެރުމެއް ނުލިބި އޮތުމަށްފަހު މިމަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ބޮޑުތަނުން މައްޗަށް ޖެހިލައިފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވި ފަހުން މިހާތަނަށް ވަނީ 166،761 ފަތުރުވެރިން ރާއްޖެ އައިސްފަ އެވެ.