ހިއްސާގެ ފައިދާއަށް 80.7 މިލިޔަން ރުފިޔާ ބެހުމަށް ބީއެމްއެލްއިން ހުށަހަޅައިފި

ބީއެމްއެލް
ބީއެމްއެލް
ހުކުރު , 02 އޭޕްރިލް 2021 | 14:36

މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15 ރުފިޔާގެ މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބެހުމަށްޓަކައި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާގައި ނިންމައިފައިވާ ކަމަށް ބެންކު އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ސަބަބުން ކުރިންވެސް އަންދާޒާ ކުރެވުނު ފަދައިން ބޭންކުގެ ވިޔަފާރިއަށާއި އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ވަނީ އަސަރުކޮށްފައެވެ. އަދި 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ނަތީޖާ ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމަށްފަހު ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 68 އިންސައްތަ އަށްވުރެ ބޮޑު ދަށްވުމެކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކާމިޔާބު ނަތީޖާއެއް 2019 ވަނަ އަހަރު ދެއްކުނު ނަމަވެސް، ކޮވިޑް-19 ގެ ސަބަބުންނާއި އަންދާޒާ ކުރެވިފައި ނުވާނެހެން ވިޔަފާރި ހުއްޓުމަކަށް އައުމުން 2020 ވަނަ އަހަރުގެ އާމްދަނީ ވަނީ ވަރަށް ބޮޑަަށް ދަށްވެފައި ކަމަށެވެ. މިކަމުން އަރައިގަތުމުގައި ހެޔޮ ބަދަލުތަކެއް ފެންނަމުންދާއިރު ގަދައަޅައި މަސައްކަތްކުރަމުންދާނީ މިއަހަރު ހަރުދަނާ މާލީ ނަތީޖާއެއް ހޯދުމަށް ކަމަށާއި މި ދަތި އުދަގޫ ދަނޑިވަޅުގައިވެސް ވަރަށް ބުރަކޮށް މަސައްކަތްކުރައްވަމުންދާ ބޭންކުގެ މުވައްޒަފުންނަށާއި ބޭންކަށް އިތުރުބާރުކޮށް އެކުގައި ކުރިއަށް ދާ ހިއްސާދާރުންނާއި ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ހިއްސާގެ ފައިދާ ބަހާނީ ބުކް ކްލޯޝާ ޑޭޓުގެ ކުރިން ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ލިސްޓުކޮށްފައިވާ ހުރިހާ ހިއްސާދާރުންނަށެވެ. ބުކް ކްލޯޝާ ޑޭޓު އިއުލާނުކުރާނީ އަހަރީ އާންމު ޖަލްސާގެ ނޯޓިހާއެކުގައެވެ.