ފެބުރުއަރީ މަހު ކާބޯތަކެތީގެ އަގު މައްޗަށް، ކުލި ދަށަށް

ޕިކަޕަކަށް މުދާ އަރުވަނީ
ޕިކަޕަކަށް މުދާ އަރުވަނީ
ހޮނިހިރު , 03 އޭޕްރިލް 2021 | 13:16

ނިމިދިޔަ ފެބުރުއަރީ މަހު ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގު ނުވަތަ އިންފްލޭޝަން ރޭޓު 0.05 އިންސައްތަ ދަށަށް ގޮސްފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާއްމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި ފެބްރުއަރީ މަހު ރާއްޖޭގެ އިންފްލޭޝަން ވަނީ 0.05 އިންސައްތަ ދަށްވެފަ އެވެ. ޖެނުއަރީ މަހު މި ރޭޓު ހުރީ 0.25 އިންސައްތައިގަ އެވެ.

އިންފްލޭޝަން ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި މުވާސަލާތީ ހިދުމަތް ހިމެނެ އެވެ. އެގޮތުން އެބައިން 1.62 އިންސައްތަ ވަނީ ދަށްވެފަ އެވެ. ގޭގައި ހިފައި ގެންގުޅޭ ސާމާނުގެ ބައިން 3.56 އިންސައްތަ ދަށްވެފައިވާއިރު މަހުގެ ބައިންވެސް 0.78 އިންސައްތަ ވަނީ ދަށްވެފަ އެވެ.

އިމާރާތް ނުވަތަ ގޭގެ ކުލި 0.10 އިންސައްތަ ދަށަށް ދިޔައިރު ގެދޮރު މަރާމާތު ކުރުމަށް ބޭނުންކުރާ ސާމާނުގެ ބައިން 0.74 އިންސައްތަ ވަނީ ދަށަށް ގޮސްފަ އެވެ. އެއްގަމު މަހުގެ ބައިންވެސް 0.49 އިންސައްތަ ދަށަށް ދިޔަ އެވެ.

ބައެއް ބާވަތްތަކުގެ އަގު ފެބުރުއަރީ މަހު ވަނީ މައްޗަށް ގޮސްފަ އެވެ. އެގޮތުން މޭވާގެ ބައިން 1.64 އިންސައްތަ ބިހާއި ކިރު ފަދަ ތަކެތީގެ ބައިން 1.04 އިންސައްތަ މައްޗަށް ގޮސްފައި ވެއެވެ. ތަރުކާރީގެ ބައިން 1.54 އިންސައްތަ އަދި ތެލުގެ ބައިންވެސް 3.49 އިންސައްތަ ވަނީ މައްޗަށް ގޮސްފަ އެވެ.

އަންނައުނުގެ އަގުތައް މައްޗަށް ގޮސްފައިވަނީ 0.68 އިންސައްތައިންނެވެ. އަދި ދުންފަތުގެ ބައިން 0.74 އިންސައްތަ ވަނީ މަތިވެފަ އެވެ.