ބީއެމްއެލް އިން ށ. މާއުނގޫދޫ އަދި ކޮމަންޑޫ ގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ކޮމަންޑޫގައި ގާއިމްކުރި އޭޓީއެމް
ކޮމަންޑޫގައި ގާއިމްކުރި އޭޓީއެމް
ހޮނިހިރު , 24 އޭޕްރިލް 2021 | 20:05

ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. އަތޮޅުގެ ދެ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމްގެ ހިދުމަތް މިއަދު ތައާރަފްކޮށްފި އެވެ.

މާއުނގޫދޫ އަދި ކޮމަންޑޫގައި ގާއިމްކޮށްފައިވާ މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.

ބީއެމްއެލްއިން ބުނީ މި ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ށ. އަތޮޅު ފުނަދޫގައި ބްރާންޗް އަދި ސެލްފް ސަރވިސް ބޭންކިންގ ހިދުމަތް ދެމުން ދާކަމަށެވެ. މީގެ އިތުރުން މިލަންދޫ، މާއުނގޫދޫ އަދި ކޮމަންޑޫގައި ސެލްފް ސަރިވިސް ބޭންކިންގ ސެންޓަރ މެދުވެރިކޮށް ހިދުމަތް ދަނީ ފޯރުކޮށްދެމުންކަމަށްވެސް އެބޭންކުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގ ހިދުމަތް ފުޅާކުރުމުގެ މަޝްރޫގެ ދަށުން ށ. އަތޮޅުގައި ބޭންކިންގ ހިދުމަތް ފުޅާކުރެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ. އަދި 70 އަށް ވުރެ ގިނަ އޭޓީއެމް ސެންޓަރާއެކު މިހާރު މުޅި ރާއްޖޭގެ އެންމެ ފުޅާ ބޭންކިންގ ވިގުއައާއެކު ހިދުމަތް ދެވޭ ކަމީ ފަހުރުވެރިވާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުންޏެވެ.