ރާއްޖެ ޓީވީގެ ޝޯވއަކަށް ޑިފެންސުން ކުރި ހަރަދުވެސް ހާމައެއް ނުކުރި

ރާއްޖެ ޓީވީގެ ޝޯއެއްގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއް ބޭނުން ކުރަނީ
ރާއްޖެ ޓީވީގެ ޝޯއެއްގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއް ބޭނުން ކުރަނީ
އަންގާރަ , 23 ފެބްރުއަރީ 2021 | 15:18

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މަސްލަހަތު އޮންނަ ރާއްޖެ ޓީވީގެ ރިއަލިޓީ ޝޯވްއަކަށް އެމްއެންޑީއެފްގެ އުޅަނދުތަކަކާއި ގިނަ އަދަދެއްގެ ސިފައިން ބޭނުންކުރަން ދިވެހި ދައުލަތުން ހަރަދު ކުރީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ޑިފެންސް މިނިސްޓްރީން ހާމައެއް ނުކުރި އެވެ.

އެމައުލޫމާތު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ދިޔަރެސް" އިންނެވެ. އެނޫހުން ޑިފެންސް މިނިސްޓްރީގައި އެދުނީ ތިން ކަމެއްގެ ތަފްސީލު ހާމަކޮށްދިނުމަށެވެ. އެއީ އިޖުތިމާއީ ހިދުމަތެއްގެ ގޮތުން ރާއްޖެޓީވީން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ޓީވީޝޯއަކަށް ދިވެހި ސިފައިންގެ އުޅަނދުތަކާއި، ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އެހެނިހެން ވަސީލަތްތަށް ބޭނުންކުރަން ދިން އުސޫލުތަކުގެ ތަފްސީލާއި، އެ ޝޯގެ ބޭނުމަށް އެމްއެމްއެންޑީއެފްގެ ވަސީލަތްތަށް ބޭނުންކޮށްފައިވާއިރު އެކަމަށް ދައުލަތުން ކުރި ހަރަދުގެ އެންމެހާ ތަފްސީލު އަދި އެމްއެންޑީއެފްގެ ވަސީލަތްތައް އެގޮތަށް ބޭނުން ކުރުމުގެ ފުރުސަތު އެހެން މީޑިއާތަކަށް ދޭނަމަ، އެކަން ކުރަން ހަމަޖައްސާފައި އޮންނަ އުސޫލެވެ.

މިމައުލޫމާތު ހޯދަން ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުގެ ތެރެއިން އެދުނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. ގާނޫނުގައި ދީފައިވާ 15 ދުވަސް ތެރޭގައިވެސް ޑިފެންސް މިނިސްޓްރީން ޖަވާބު ދީފައި ނުވާއިރު މައުލޫމާތު ހާމަ ކުރެވެން ނެތްކަމަށްވެސް މިނިސްޓްރީން އަންގާފައި ނުވެ އެވެ.

"ދިޔަރެސް" އިން ވަނީ އެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް މެދުވެރިކޮށް ޑިފެންސް މިނިސްޓްރީގެ ޖަވާބެއް ހޯދަން ނިންމާފައި ކަމަށް އެ ނޫހުން ބުންޏެވެ.

ރާއްޖެ ޓީވީއިން މިއަންނަ ރޯދަ މަހު ގެނަސްދޭން ނިންމައި މިހާރު މަންޒަރުތައް ނަގާފައިވާ ސެލެބްރިޓީ ޝޯވއެއްގައި އެމްއެންޑީއެފްއިން ބޮޑު ހަރަދު ކޮށްގެން ވަސީލަތްތައް ބޭނުންކޮށްފައި ވެއެވެ. އެވަސީލަތްތައް ފޯރުކޮށްދިނީ އެމްއެންޑީއެފްގެ އިޖުތިމާއީ ހިދުމަތުގެ ތެރެއިން ކަމަށް އެމްއެންޑިއެފްއިން ބުންޏެވެ. އެހެންނަމަވެސް ރާއްޖެ ޓީވީގެ އެ ޝޯވއަށް ބޮޑެތި އަދަދުތަކުން ސްޕޮންސަރުން އަތުން ފައިސާ ނަގާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ޝޯވއިން އެއްވަނަ އަށް ދިޔަ ދެ ބައިވެރިންނަށް ސައިކަލު ފަދަ ތަކެތި ދީފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.