ލިޔެކިޔުންތަކެއް ނުލިބޭތީ ނިހާނުގެ ޝަރީއަތް ފަސްކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ ޝަރީއަށް ފަސްކޮށްފި އެވެ.
ނިހާނުގެ ޝަރީއަތް ފަސްކުރީ ބޭނުންވާ ބައެއް ލިޔެކިޔުންތައް ނުލިބޭތީ އެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އިބްތިދާއީ ބަހުސް ނިންމައިލިއިރު އެ މައްސަލަ އެހެން ސެކްޝަނަކަށް ބަދަލުވީކަމުގެ ލިޔުން ނިހާނަށް ލިބިފައެއް ނުވެ އެވެ.
ނިހާނުގެ ފަރާތުން މިއަދު އަޑު އެހުމުގައި ބުނެފައިވަނީ އެހެން ސެކްޝަނަކަށް ބަދަލުވިކަމުގެ ސިޓީއާއި އެހެންވެސް ބައެއް ލިޔެކިޔުންތައް އޭނާއަށް ލިބިފައި ނުވާކަމަށެވެ.
ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައި ވެއެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ.
ނިހާނުގެ މައްސަލައިގެ ޝަރީއަތް މިހާރު ކުރިއަށް ދާއިރު އޭނާގެ ޕާސްޕޯޓު އޮތީ ހިފަހައްޓައިފަ އެވެ. ދެވަނަ ފަހަރަށް ޕާސްޕޯޓު ހިފެހެއްޓީ މިމަހުގެ 11 ވަނަ ދުވަހު އެވެ.