އިންޑިއާގައި 1.3 މިލިއަން މީހުންނަށް ވެކްސިންގެ ދެޑޯޒް ދީފި

އިންޑިއާގައި ކުރިއަށް ގެންދާ ވެކްސިން ދިނުމުގެ ޕްރޮގުރާމު
އިންޑިއާގައި ކުރިއަށް ގެންދާ ވެކްސިން ދިނުމުގެ ޕްރޮގުރާމު
ބުރާސްފަތި , 25 ފެބްރުއަރީ 2021 | 10:03

1.3 ބިލިއަންގެ ބޮޑު އާބާއީއެއް އޮންނަ އިންޑިއާގައި 1.3 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ދީފި އެވެ.

ކޮވިޑް ވެކްސިން ދިނުމުގެ އެންމެ ބޮޑު ކެމްޕެއިން މިހާރު ފަށައިގެން ކުރިއަށް ގެންދާ އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ 10.5 މިލިއަން މީހުންނަށް ދީފަ އެވެ.

އިންޑިއާގައި މިހާރު ކުރިއަށް ގެންދަނީ ވެކްސިނޭޝަން ޕްރޮގުރާމުގެ ދެވަނަ ފިޔަވައްސެވެ. ފުރަތަމަ ފިޔަވަހީގައި ވެކްސިން ދިނީ ސިއްހީ ހިދުމަތްތެރިންނާއި ހައި ރިސްކު މީހުންނަށެވެ. އަދި ފްރަންޓްލައިން މަސައްކަތްތެރިންނަށެވެ. މިހާރު ވެކްސިން ދެނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ.

މިހާރު ވެކްސިން ދެނީ ހަމައެކަނި ސަރުކާރުގެ ހޮސްޕިޓަލުތަކުގެ ފަރާތުން އެ ގައުމުގައި ގާއިމްކޮށްފައިވާ ވެކްސިން ސެންޓަރު ތަކުންނެވެ. އެހެންނަމަވެސް އަންނަ މާޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމިއްލަ ސިއްހީ ހިދުމަތްދޭ 20،000 ތަނަކުން ވެސް ވެކްސިން ދޭނެ އެވެ.

ސަރުކާރު ހޮސްޕިޓަލުތަކުން ހިލޭ ވެކްސިން ޖެހުނު ނަމަވެސް އަމިއްލަ ކްލިނިކުތަކުން ވެކްސިން ޖަހައިދޭނީ ވެކްސިންއަށް އަގު ދެއްކުމުންނެވެ. އެގޮތުން ކޮންމެ ޑޯޒް އަކަށް 300 ރުޕީޒްގެ ފީއެއް އަމިއްލަ ކްލިނިކުތަކުން ނަގާނެ އެވެ.

އިންޑިއާ ވެކްސިން ޕްރޮގުރާމުގެ ދެވަނަ ފިޔަވަހީގައި އުމުރުން 45 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށްވެސް ވެކްސިން ދޭނެ އެވެ.

އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމެވެ. ކޮވިޑް-19 ގެ ހާލަތު އެގައުމުގައި ވަރަށް ބޮޑަށް ގޯސްވި ނަމަވެސް މިހާރު މަޑުމަޑުން އަންނަނީ ހާލަތު ރަނގަޅުވަމުންނެވެ.

އިންޑިއާގައި ވެކްސިން ދިނުމުގެ ޕްރޮގުރާމް ފެށީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. އެގައުމުގައި ދެމުން އަންނަނީ އޮކްސްފޯޑު – އެސްޓްރެޒެނިކާގެ "ކޮވިޝީލްޑް" ވެކްސިންގެ އިތުރުން ބާރަތު ކުންފުނީގެ "ކޯވެކްސިން" އެވެ.