ކޮވިޑަށް ތަހުލީލުކުރި ބޭސްތަކުގެ ނަތީޖާ ރަނގަޅެއް ނޫން

ކޮވިޑަށް ތަހުލީލުކުރި ރެމްޑެސިވިއާ ބޭސް
ކޮވިޑަށް ތަހުލީލުކުރި ރެމްޑެސިވިއާ ބޭސް
ހޮނިހިރު , 17 އޮކްޓޯބަރ 2020 | 15:17

ކޮވިޑް-19 އަށް ފަރުވާ ހޯދުމަށް ތަހުލީލު ކުރި ބޭސްތަކުން އެދެވޭ ނަތީޖާއެއް ފެނިފައި ނުވާކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކުރިއަށް ގެންދިޔަ ތަހްލީލްތަކުގެ ނަތީޖާ އާއި ގުޅޭ ގޮތުން medRxiv ގައި ޝާއިއުކުރި ރިޕޯޓެއްގައި ވާގޮތުން ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުން ކުރުމަށް ރެމްޑެސިވިއާ، ހައިޑްރޮކްލޮރޮކްއިން އާއި އެޗްއައިވީއަށް ދޭ ދެބޭހެއް ކަމަށްވާ ލޮޕިނަވިރް-ރިޓޮނަވިރް އިން ކޮވިޑަށް ފަރުވާ ލިބޭކަން ކަށަވަރުވެފައި ނުވާކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ތަހުލީލުތައް ކުރިއަށް ގެންގޮސްފައިވަނީ އެ ބޭސްތައް ދިނުމުގެ ސަބަބުން ވެންޓިލޭޓަރަށް ލާން ޖެހޭ އަދަދު މަދުވޭތޯ އާއި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ ވަގުތު މަދުކުރެވޭތޯ އެވެ. އެހެންނަމަވެސް އެބޭސްތައް ދިނުމަކުން އެކަންކަމަށް އެއްވެސް އަސަރެއް ނުކުރާކަމަށް ދިރާސާ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

މީގެ ކުރިން އިނގިރޭސިވިލާތާއި އެމެރިކާގައި ކުރި ތަހުލީލުތަކުން ދައްކާފައިވާ ގޮތުން ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ރެމްޑެސިވިއާ ދިނުމުން ބަލި މީހާގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އާދެ އެވެ. އެގޮތުން ހޮސްޕިޓަލުގައި ފަރުވާ ދޭ މީހުން އެންމެ ގިނަ ވެގެން ފަސް ދުވަހުގެ ތެރޭގައި ދޫކޮށްލެވޭ ވަރުވާ ކަމަށް އެ ތަހުލީލުތަކުން ދެއްކި އެވެ.

ޑަބްލިއުއެޗްއޯ އިން އާ ތަހުލީލުތަކެއް ގިނަ ސައިންސްވެރިންތަކަކާއެކު ފަށާފައިވަނީ ކުރިން ހެދި ތަހުލީލުތަކުން ރަނގަޅު ނަތީޖާތަކެއް ދެއްކުމުންނެވެ.

ޑަބްލިއުއެޗްއޯގެ ތަހުލީލުތަކާއި ގުޅުންހުރި އެއްެވެސް މައުލޫމާތެއް ރަސްމީކޮށް މިހާތަނަށް އާންމެއް ނުކުރެ އެވެ.