އިންޑިއާގައި ކޮވިޑް ވެކްސިން ދޭން ފެށުމުން ރައީސް ސޯލިހުގެ ތައުރީފު

ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި އިއްޔެ ފެށި ކޮވިޑް-19 ވެކްސިނޭޝަން ކެމްޕެއިންނާއިއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ތައުރީފު ކޮށް ޓުވީޓެއް ކުރައްވައިފި އެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންޑިއާގެ އާބާދީ ކޮވިޑުން ރައްކާތެރި ކޮށް ދިނުމަށް އެގައުމުގައި ފެށި ބޮޑު ޕްރޮގުރާމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އުއްމީދު ކުރައްވަނީ ކޮވިޑާއި ދެކޮޅަށް ފެށި އެ މަސައްކަތުގައި ކާމިޔާބު ލިބުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމަށް ނިމުމެއް އަންނަ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ.
އިންޑިއާގައި އިއްޔެ ފެށި ވެކްސިނޭޝަން ޕްރޮގުރާމުގައި އަންނަ އޯގަސްޓު މަހުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދޭނެ އެވެ. އެގޮތުން ދެނީ އެގައުމުގެ ބާރަތު ކުންފުނިން އުފެއްދި ވެކްސިންގެ އިތުރުން އިނގިރޭސިވިލާތުގެ އޮކްސްވޯޑު ޔުނިވަސިޓީން އުފެއްދި ވެކްސިނެވެ.