ކޮވިޑް ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓްރީވާން ހުޅުވާލައިފި

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ރަޖިސްޓްރީ ވެވޭނެ
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ރަޖިސްޓްރީ ވެވޭނެ
ހޯމަ , 18 ޖެނުއަރީ 2021 | 09:52

ކޮވިޑް-19 އާއި ދެކޮޅަށް ހަދާފައިވާ ވެކްސިން ޖެހުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކޮށްފައިވާއިރު ވެކްސިން ރާއްޖެ ގެނަސް ދޭން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެ އެވެ.

ވެކްސިން ޖެހުމަށް މިއަދުން ފެށިގެން ރަޖިސްޓްރީ ވެވޭނެ އެވެ. އެގޮތުން my.health.mv ޕޯޓަލް މެދުވެރިކޮށް ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވެވޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ވެކްސިން ދިނުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ އިސް ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުރިންވެސް އާންމު ކޮށްފައިވާ ގޮތަށް ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ހިދުމަތްދޭ މަސައްކަތްތެރިންނަށެވެ.

އެނގިވަޑައިގަންނަވާނެ ކުރިންވެސް އަޅުގަނޑުމެން އާންމުކޮށްފައިވާނެ އެންމެ ފުރަތަމަ ވެކްސިން ލިބޭއިރު ވެކްސިން ޖަހާނެ ކެޓަގަރީތައް. އެހެންވީމަ އޭގެ ތެރޭގައި ހިމެނޭ ސިއްހީ ދާއިރާ އަދި ހެލްތް ކެއާ ވޯކާސްގެ ގޮތުގައި ހިމެނޭ މީހުން ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ގޮތުގައި.

- ޑރ. ނަޒްލާ ރަފީގު

މިއަދު ފަށަނީ ހަމައެކަނި ސިއްހީ ހިދުމަތްތެރިންނަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ނަމަވެސް ކުރިއަށް އޮތް ތަނުގައި އެހެން ކެޓެގަރީތަކުގެ މީހުންނަށްވެސް ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި ވެކްސިން ރާއްޖެއަށް ލިބޭނެ ދުވަހެއް އަދި ނޭނގެ އެވެ. އަދި ވެކްސިން ދޭން ފަށާނެ ދުވަހެއް ހާމަކުރެވޭކަށެއް ނެތެވެ. އެހެންކަމުން މިމަހު 26 ގައި ވެކްސިން ރާއްޖެއަށް ގެންނާނެ ކަމަށް ދެކެވުނު ވާހަކަތައް ހެލްތު މިނިސްޓްރީން މިވަނީ ދޮގުކޮށްފަ އެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ ވެކްސިން ލިބުނު ނަމަވެސް ވަގުތުން ވެކްސިން ޖަހަން ނުފެށޭނެ އެވެ. އެއީ މިއީ މުޅިން އާ ވެކްސިނެއް ކަމުން އެކަމަށް ބޮޑެތި ތައްޔާރީތަކެއް ވާން ޖެހެ އެވެ. އެހެންނަމަވެސް ރާއްޖޭގައި ވެކްސިން ކެމްޕެއިން ކުރިއަށް ގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވި އެވެ.