ތިނަދޫއިން ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ގދ. ތިނަދޫ
ގދ. ތިނަދޫ
ހޯމަ , 18 ޖެނުއަރީ 2021 | 12:18

ގދ. ތިނަދޫއަށް ދިޔަ ބިދޭސީ ޓީޗަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އިސް ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެރަށުން ޕޮޒިޓިވް ވީ ރަށަށް ގޮސް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރެއް ކަމަށެވެ. ޕޮޒިޓިވް ވިކަން އެނގުނީ އެމީހާ ކަރަންޓީނުގައި ހުރި މުއްދަތު ހަމަވެގެން ހެދި ޓެސްޓުންނެވެ.

ގއ. ދެއްވަދޫގައި ކޮވިޑް-19 ގެ ކްލަސްޓާއެއް އުފެދި ގިނަ ބަޔަކު ބައްޔަށް ޕޮޒޓިވް ވަމުން ދާއިރު އެއަތޮޅާއި ގދ. އަތޮޅުންވެސް ކޮވިޑަށް ޓެސްޓު ކުރުމަށް ދަނީ ރެންޑަމް ސާމްޕަލް ނަގަމުންނެވެ. އެގޮތުން ގދ. ތިނަދޫން ނެގި އެއްވެސް ސާމްޕަލް އެއް މިހާތަނަށް ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

ދެއްވަދޫ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު އިއްޔެ އާއި ހަމައަށް ވަނީ 69 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 55 މީހުން ޕޮޒިޓވްވީ ދެއްވަދޫއިން ނެވެ. އެ ކްލަސްޓާއާއި ގުޅުންހުރި ހަ މީހަކު ދާންދޫން، ލ. ފޮނަދޫން ހަތަރު މީހަކު ހުޅުމާލެއިން ދެ މީހުން އަދި ގއ. ވިލިނގިލިންވެސް ދެ މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ.