ދެ ދުވަސް ތެރޭގައި އިންޑިއާގައި 224،000 މީޙުންނަށް ވެކްސިން ދީފި

އިންޑިއާގެ ވެކްސިން ޕްރޮގުރާމް ވަރަށް ކާމިޔާބު
އިންޑިއާގެ ވެކްސިން ޕްރޮގުރާމް ވަރަށް ކާމިޔާބު
އަންގާރަ , 19 ޖެނުއަރީ 2021 | 11:10

އިންޑިއާގައި މިހާރު ކުރިއަށް ގެންދާ ދުނިޔޭގެ އެންމެ ބޮޑު ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގުރާމުގައި އެގައުމުގެ 224،000 މީހަކަށް ވެކްސިން ދީފި އެވެ.

އިންޑިއާގެ ސިއްހީ ވުޒާރާގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ވެކްސިނޭޝަން ޕްރޮގުރާމް ވަރަށް ކާމިޔާބެވެ. އެގޮތުން ވެކްސިން ދިން ދެލައްކައަށްވުރެއް ގިނަ މީހުންގެ ތެރެއިން ސައިޑް އެފެކްޓްސްގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުނީ ތިން މީހުން ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

އިންޑިއާގައި ދޭން ހުއްދަ ދިނީ ދެ ވެކްސިނަކަށެވެ. އެއީ އޮކްސްފޯޑު ޔުނިވަސިޓީން އުފެއްދި ވެކްސިންގެ އިތުރުން އިންޑިއާގެ ބާރަތު ކުންފުނިން އުފެއްދި ވެކްސިނެވެ. މި ދެ ވެކްސިން ވެސް މިހާރު އަންނަނީ އާންމުންނަށް ދެމުންނެވެ،

ބާރަތު ވެކްސިނާއިމެދު މީގެ ކުރިން ކަންބޮޑުވުންތަކެއް އުފެދިފައި ވީނަމަވެސް މިހާރު ރަނގަޅު ފީޑް ބެކެއް ލިބެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ. އެހެންނަމަވެސް ހުން އައުމާއި ބޮލުގައި ރިއްސުމާއި އެނޫންވެސް ބައެއް ސައިޑް އެފެކްޓްސްގެ ސަބަބުން ވެކްސިން ދިން 447 މީހަކު ރިޕޯޓު ކުރި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މިއީ ހުރިހާ ވެކްސިންތަކެއްގައިވެސް ފެންނަ ސައިޑް އެފެކްޓުތަކެއް ކަމަށް ހެލްތުން ވަނީ ބުނެފަ އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިންޑިއާގެ ވެކްސިނޭޝަން ޕްރޮގުރާމުގެ ފުރަތަމަ ބުރު ކުރިއަށް ގެންދާނީ މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށެވެ. މި ފިޔަވަހީގައި 300 މިލިއަން މީހުންނަށް ވެކްސިން ދޭނެ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ދެނީ 10 މިލިއަން ސިއްހީ އެހީތެރިންނަށެވެ.

އިންޑިއާ ވެކްސިންގައި ހިމެނެނީ ދެ ޑޯޒް އެވެ. ދެވަނަ ޑޯޒް ދެނީ ފުރަތަމަ ޑޯޒް ދޭތާ 28 ދުވަސް ފަހުންނެވެ. ދެ ޑޯޒް ހަމަކުރުމުން ނޫނީ ކޮވިޑުން މުޅިން ރައްކާތެރިކަމެއް ނުލިބެ އެވެ.