އިންޑިއާއިން މާދަމާ ރާއްޖެއަށް ކޮވިޑް ވެކްސިން ފޯރުކޮށްދެނީ

އޮކްސްފޯޑު ޔުނިވަސިޓީން އުފެއްދި ކޮވިޝީޅްޑް ވެކްސިން
އޮކްސްފޯޑު ޔުނިވަސިޓީން އުފެއްދި ކޮވިޝީޅްޑް ވެކްސިން
އަންގާރަ , 19 ޖެނުއަރީ 2021 | 19:34

އިއްޑިއާގައި މިހާރު ދެމުން އަންނަ، ކޮވިޑް-19 އާއި ދެކޮޅަށް އުފެއްދި ވެކްސިން މާދަމާ ރާއްޖެ ގެންނާނެ ކަމަށް އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

މިއާއެކު ރާއްޖެ ވެގެން ދާނީ އިންޑިއާއިން ވެކްސިން ފޯރުކޮށްދޭ ފުރަތަމަ ގައުމަށެވެ. އިންޑިއާއިން ވެކްސިން ފޯރުކޮށްދިން ނަމަވެސް ރާއްޖެއަށް ގެންނަނީ އެގައުމުގެ ބާރަތު ކުންފުނިން އުފެއްދި ވެކްސިނެއް ނޫނެވެ. ރާއްޖެއަށް ގެންނަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީއާއި މެލޭޝިޔާގެ އެސްޓްރެޒެނިކާ ކުންފުނިން އުފެއްދި "ކޮވިޝީލްޑް" ވެކްސިނެވެ.

މިހާރު އިންޑިއާގައި ކުރިއަށް ގެންދާ ވެކްސިނޭޝަން ޕްރޮގުރާމުގައި "ކޮވިޝީލްޑް" ވެކްސިންގެ އިތުރުން ބާރަތު ކުންފުނިން އުފެއްދި ވެކްސިން ވެސް އަންނަނީ ދެމުންނެވެ.

އިންޑިއާ މީޑިއާތަކުން ބުނީ މާދަމާ ރާއްޖެއަށް ވެކްސިން ގެނައުމަށް ހުރިހާ ތައްޔާރީތަކެއް ނިމި ރާއްޖޭގެ ކަމާއި ބެހޭ ފަރާތްތަކުން އެކަމަށް ހުއްދަވެސް ލިބިފައިވާ ކަމަށެވެ. ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށް މީގެ ކުރިން އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ މީޑިއާތަކުން މި މައުލޫމާތު އާންމު ކޮށްފައި ވީނަމަވެސް ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކުން މިކަމަށް ބަހެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާގައި މިހާރު ކުރިއަށް ގެންދާ ވެކްސިނޭޝަން ކެމްޕެއިނުގައި އިއްޔެއާއި ހަމައަށް 224،000 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރެއިން 400 އެއްހާ މީހުންގެ ފަރާތުން ހުން އައުމާއި ގައިގަ ރިއްސުން ފަދަ ސައިޑް އެފެކްޓްތައް ފެނުނު ނަމަވެސް ހާލަތު ގޯސްވެގެން ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހުނީ 3 މީހުންނަށެވެ، އޭގެ ތެރެއިން ދެ މީހުން ވަނީ ހާލު ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ރާއްޖެއަށް ވެކްސިން ގެނައި ނަމަވެސް ވެކްސިން ދޭނެ ސީދާ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ. އެޗްއީއޯސީން އެންމެ ފަހުން ބުނީ އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. މިހާރު ވަނީ ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ވުމަށް ފުރުސަތު ހުޅުވާލައިފަ އެވެ.