ރާއްޖޭގައި ދޭ ވެކްސިންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ: އެޗްޕީއޭ

ރާއްޖޭގައި ދޭ ކޮވިޑް-19 ވެކްސިނަކީ ޑަބްލިއުއެޗްއޯގެ ރައްކާތެރިކަމުގެ މިންގަނޑަށް ފެތޭ ވެކްސިނެއްތޯ ކަށަވަރު ކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖޭގައި ދޭނެ ކޮވިޑް ވެކްސިނާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ވެކްސިން ދިނުމުގެ ކުރިން މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ހޯދާނެ ކަމަށެވެ.
ވެކްސިން ދިނުމަށްފަހު މީހުންނަށް އަންނަ ސައިޑް އެފެކްޓުތަކަށް ރަނގަޅަށް ބަލައި މޮނީޓާ ކުރަމުން ދާނެ ކަމަށްވެސް މިއަދު އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.
އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ކޮވިޑް ވެކްސިން މާދަމާ މެންދުރު ފަހު 2 ޖަހާއިރު ރާއްޖެއަށް ގެންނާނެ ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ދަނީ ބުނަމުންނެވެ. މިއާއެކު އިންޑިއާއިން ގެންނަ ވެކްސިންގެ ރައްކާތެރިކަމާއިމެދު ސުވާލު އުފައްދައި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހިޔާލު ފާޅު ކުރަމުންނެވެ.
ރާއްޖެއަށް މާދަމާ ގެންނަނީ އިންޑިއާގެ ބާރަތު ކުންފުނިން އުފެއްދި "ކޯވެކްސިން" އެއް ނޫނެވެ. އެހެންނަމަވެސް އިންޑިއާގައި މިހާރުވެސް ދެމުން އަންނަ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީގެ "ކޮވިޝީލްޑް" ވެކްސިނެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް މިހާރު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. އެހެންނަމަވެސް އަދި ރަޖިސްޓްރީވާން ހުޅުވައިލީ ހަމައެކަނި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުންނެވެ. އެއީ ފުރަތަމަ ރާއްޖޭގައި ވެކްސިން ދޭން ނިންމާފައިވާ ގްރޫޕެވެ.
އެހެންނަމަވެސް ވަރަށް އަވަހަށް އިތުރު ގްރޫޕުތަކަށްވެސް ވެކްސިން ޖެހުމަށް ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ބުނެފަ އެވެ. ދެވަނަ ބުރުގައި ހުޅުވާލާނެ ކަމަށް ބެލެވެނީ އުމުރުން ދުވަސްވީ މީހުންގެ ގްރޫޕުން ރަޖިސްޓްރީ ވާށެވެ. އެއަށްފަހު އާންމު ހިދުމަތްދޭ ތަންތަނުގައި މަސައްކަތް ކުރާ މީހުންނަށާއި އެހެނިހެން ގްރޫޕުތަކަށްވެސް ވެކްސިން ޖެހުމަށް ރަޖިސްޓްރީ ވާން ހުޅުވާލާނެ އެވެ.
ރާއްޖެއަށް މާދަމާ ވެކްސިން ގެނައިނަމަވެސް ވެކްސިން ދޭ ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އެޗްއީއޯސީން ބުނީ ވެކްސިން ދިނުމުގެ ކުރިން ގިނަ ކަންތައްތަކަކަށް ތައްޔާރުވާން ޖެހެއެވެ. އެގޮތުން ވެކްސިން ދޭނެ މީހުން ތަމްރީނު ކުރުމާއި ވެކްސިން ރަށްރަށަށް ގެންގޮސް ސްޓޯ ކުރާނެ ތަންތަން ތައްޔާރު ކުރުންވެސް ހިމެނޭ ކަމަށް އެ ސެންޓަރުން ބުންޏެވެ. އަދި މިހާރު އެތައްޔާރީތައް ވަމުން އަންނަ ކަމަށް ބުންޏެވެ.