ކޮވިޝީލްޑް ވެކްސިންގެ ޔަގީންކަން އެބަ އޮތްތަ؟

ކޮވިޑާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިނެއް
ކޮވިޑާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިނެއް
ބުދަ , 20 ޖެނުއަރީ 2021 | 10:51

ކޮވިޑް-19 ގެ ނުރައްކާތެރި ވަބާ މުޅި ދުނިޔޭގައި ފެތުރެން ފެށިތާ އިއްޔެގެ ނިޔަލަށް އެއް އަހަރު ވެފައިވާއިރު، މި ބަލިމަޑުމަން ނިމުމުގެ ކޮޅުމަތި ވަނީ ފެންނަން ފަށައިފަ އެވެ. ކްލިނިކް ޓްރަޔަލްތައް ނިމި އާންމުންނަށް ދޭން ފަށާފައިވާ ފަހަކަށްވުރެއް ގިނަ ކޮވިޑް ވެކްސިން އުޅޭއިރު މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ މުޅިން އަލަށް ދޭން ފެށި މި ވެކްސިންތަކުގެ ސަބަބުން ހަށިގަނޑަށް ކޮށްފާނެ އަސަރުތަކެވެ. ބައެއް ވެކްސިންތަކުން އެންމެ އެދެވޭ ނަތީޖާ ފެންނަމުން ނުދިޔަ ނަމަވެސް ގިނަ ވެކްސިންތަކަކީ ކާމިޔާބު ވެކްސިންތަކޭ ދެންނެވިދާނެ އެވެ.

ރާއްޖެއަށްވެސް މިއަދު ކޮވިޑް ވެކްސިނެއް ގެންނާނެ ކަމަށް މިވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ރާއްޖެއަށް ގެންނަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަސިޓީ އާއި ސިންގަޕޫރުގެ އެސްޓްރެޒެނިކާ ކުންފުންޏާއި ގުޅިގެން އުފެއްދި "ކޮވިޝީލްޑް" ވެކްސިނެވެ. މި ވެކްސިން ރާއްޖެއަށް ގެންނަނީ އިންޑިއާގެ ސިރަމް ކުންފުނި މެދުވެރިކޮށް އެގައުމަށް ހޯދި ވެކްސިން ޑޯޒްތަކުގެ ތެރެއިންނެވެ. ރާއްޖެއަށް ގެންނަ ވެކްސިނަކީ އިންޑިއާއިން ދޭ ހިލޭ އެހީއެއް ކަމެއް ނުވަތަ ގަނެގެން ގެންނަ ވެކްސިނެއް ކަމެއް މިހާތަނަށް ކަށަވަރެއް ނުވެ އެވެ. ރާއްޖޭގެ އިތުރުން ބަންގްލަދޭޝްއަށްވެސް އިންޑިއާއިން ވެކްސިން ފޯރުކޮށްދޭނެ އެވެ.

ކޮވިޝީލްޑް ވެކްސިން މަސައްކަތް ކުރަނީ ކިހިނެއް؟

Articl Inline Image

ކޮވިޝީލްޑް ވެކްސިން އުފެއްދީ ޗިމްޕޭންޒީއަށް ޖެހޭ އާންމު ހުމަށް ދޭ ވެކްސިން މޮޑިފައި ކޮށްގެންނެވެ. އެ ވެކްސިން މޮޑިފައި ކުރީ ނޮވެލް ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ހަނގުރާމަކޮށް އިންސާނުންގެ ދިފާއީ ބާރު އެ ވައިރަސްއިން ރައްކާތެރި ކޮށްދޭނެ ގޮތަށެވެ.

އެމެރިކާގެ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިންއާއި ހިލާފަށް "ކޮވިޝީލްޑް" ވެކްސިން ތަންތަނަށް ގެންދަން ފަސޭހަ އެވެ. އެއީ މި ވެކްސިން ސްޓޯކުރަން ޖެހޭ ފިނި ހޫނު މިނަކީ ދެ ޑިގްރީ ސެލްސިއަސް އާއި އަށް ޑިގްރީ ސެލްސިއަސް އާއި ދެމެދުގަ އެވެ.

މި ވެކްސިންގެ ޔަގީންކަން އޮތީ ކިހާ މިންވަރަކަށް؟

ސައިންސްވެރިންގެ ހޯދުންތައް ދައްކާ ގޮތުން "ކޮވިޝީލްޑް" ވެކްސިނަކީ ކޮވިޑާއި ދެކޮޅަށް ހަނގުރާމަ ކުރާގެ އެންމެ ޔަގީންކަން ބޮޑު އެއް ވެކްސިނެވެ. ވެކްސިންގައި ދެ ޑޯޒް ހިމެނޭއިރު ދެވަނަ ޑޯޒް ދޭން ޖެހެނީ ފުރަތަމަ ޑޯޒް ދޭތާ ހަތަރު ހަފްތާ ފަހުންނެވެ.

ސައިންސްވެރިންނާއި ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވަނީ ވެކްސިންގެ އެވަރޭޖް އެފިޝެންސީ (ރައްކާތެރިކަން) 70 އިންސައްތަ އަށް ކަށަވަރު ކަމަށެވެ.

އެހެންނަމަވެސް ފުރަތަމަ ބައި ކުޅަ ބައި ޑޯޒް ދިނުމަށްފަހު 28 ދުވަސް ފަހުން ފުރިހަމަ ޑޯޒް ދިނުމުން 90 އިންސައްތަ އަށް ރައްކާތެރިކަން ކަށަވަރު ކޮށްދޭ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ. އެގޮތުން 3000 މީހުން ބައިވެރިކޮށްގެން ހެދި މި ޓްރަޔަލް ގައި 90 އިންސައްތަ ކޮވިޑުން ރައްކާތެރި ކޮށްދިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އަނެއްކޮޅުން ހަތަރު ހަފްތާގެ މުއްދަތެއްގައި ދެ ފުލް ޑޯޒް ދިނުމުން ރައްކާތެރި ކޮށްދެނީ 62 އިންސައްތަ އަށް ކަމަށްވެސް ރިޕޯޓުތަކުގައި ބުންޏެވެ.

ސައިޑް އެފެކްޓު ތައް

މިހާތަނަށް އައިއިރު "ކޮވިޝީލްޑް" ވެކްސިން ދޭ މީހުންގެ ފަރާތުން އެންމެ އާންމުކޮށް ފެންނަ ސައިޑް އެފެކްޓު ތަކަކީ ވެކްސިން ޖަހާ ހަށިގަނޑުގެ ސަރަހައްދަށް ރިހުމުގެ އިހުސާސް ކުރެވުމާއި، ރަތް ވުމާއި ހިރުވުމުގެ އިތުރުން އެ ސަރަހައްދު ހޫނުވެފައި ހުރުމެވެ. މި ކަންކަން ކޮންމެ 10 މީހަކު އެކެއްގެ ފަރާތުން ފެންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Articl Inline Image

މީގެ އިތުރުން ވަރުބަލިކަން އިހުސާސް ކުރެވުމާއި، ނުތަނަވަސް ވުމާއި، ހުން އައުމުގެ އިތުރުން ބޮލުގައި ރިއްސުމާއި ރޯގާގެ އަލާމާތްތައް ފެންނަ ކަމަށްވެސް ރިޕޯޓު ކޮށްފައި ވެއެވެ. އެވަރޭޖްކޮށް ކޮންމެ 10 މީހަކުން އެކެއްގެ ކިބައިން ހުޅުހުޅުގައި ރިއްސުމާއި ހޮޑުލެވުމާއި މަސްތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެންނަ ކަމަށްވެސް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ނިސްބަތުން ވެކްސިން ދޭ އެއް އިންތައްތަ މީހުންގެ ކިބައިން އެހެން ބައެއް އަލާމާތްތައްވެސް ވަނީ ފެނިފަ އެވެ. އެއީ ކެއްސުމާއި، ގަދަ ހުން އައުމުގެ އިތުރުން ކަރުގައި ރިއްސުމުގެ އިތުރުން ތެދުވެ އުޅެން އުނދަގޫ ވާ މިންވަރަށް ވަރުބަލިވެ، ކާހިތް ނުވުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތައް ހިރުވުން ފަދަ ކަންކަމެވެ.

ކޮވިޑާއި ދެކޮޅަށް އުފައްދާފައިވާ ވެކްސިންތައް އާންމުންނަށް މުޅިން އަލަށް ދޭން ފަށައިގެން ކުރިއަށް ގެންދާއިރު މި ވެކްސިންތަކުގެ ޓްރަޔަލް ކުރިއަށް ގެންގޮސްފައިވަނީ އެންމެ ދިގުވެގެންވެސް ހަ މަސް ދުވަހަށެވެ. އެހެންކަމުން ދިގު މުއްދަތަކަށް ވެކްސިންގެ ސަބަބުން ހަށިގަނޑަށް ކުރާނެ އަސަރުތައް މުޅިން ކަށަވަރެއް ނުވެ އެވެ.

ސައިންސްވެރިންގެ ހޯދުންތަކާއި ހަވާލާދީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ރައްކާތެރިކަމުގެ ގައިޑްލައިނެއް އެކުލަވާލާފަ އެވެ. އެހެންކަމުން ކޮންމެ ވެކްސިނެއްވެސް އާންމުންނަށް ދެނީ އެ ގައިޑްލައިންތަކަށް ފެތޭތޯ ބެލުމަށް ފަހު އެވެ.

އިންޑިއާގައި މިހާރުވެސް "ކޮވިޝީލްޑް" ވެކްސިން ދެމުން އަންނައިރު، އިއްޔެގެ ނިޔަލަށް 314،000 މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ. އޭގެ ތެރެއިން 600 އެއްހާ މީހުންގެ ފަރާތުން ސައިޑް އެފެކްޓުތައް ވަނީ ފެނިފަ އެވެ. އެހެންނަމަވެސް ހާލަތު ސީރިއަސް ވެގެން ހޮސްޕިޓަލަށް ގެންދިޔައީ 6 މީހުން ކަމަށް ރިޕޯޓުތައް ބުނެ އެވެ. ވެކްސިން ޖެހި ދެ މީހަކު އިންޑިއާގައި ވަނީ މަރުވެސް ވެފަ އެވެ.