ކޮވިޑް ވެކްސިންގެ އެއް ލައްކަ ޑޯޒްއަކީ އިންޑިއާގެ ހަދިޔާއެއް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ބުދަ , 20 ޖެނުއަރީ 2021 | 13:51

މިއަދު ރާއްޖެއަށް ގެންނަ ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒް އަކީ އިންޑިއާއިން ރާއްޖެއަށް ދިން ހަދިޔާއެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދޭ ކޮވިޑް ވެކްސިނާއި ގުޅޭގޮތުން މިހާތަނަށް ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން މައުލޫމާތު އާންމު ކޮށްފައި ނުވާއިރު ނަޝީދު ވިދާޅުވެފައިވަނީ މިއަދު އެއާ އިންޑިއާގެ މަތިންދާބޯޓެއްގައި އެސްޓްރަޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒް ގެންނާނެ ކަމަށެވެ. ނަޝީދު ވިދާޅުވީ މިއީ ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް އައުމުގެ ފެށުން ކަމަށެވެ.

މީގެ އިތުރުން އިންޑިއާއަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖެއަށް ދިމާވި ސުނާމީގެ ހާދިސާއާއި 88 ގެ ބަގާވާތާއި ރާއްޖެ ފެނަން ޖެހުން ފަދަ ކޮންމެ ހާލަތެއްގައިވެސް އިންޑިއާއަކީ ފުރަތަމަ އެހީވެދިން ގައުމު ކަމަށާއި ރާއްޖޭގެ އެންމެ ގާތް ރަހުމަތްތެރިއަކީ އިންޑިއާ ކަމަށެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އަށާއި އިންޑިއާ ސަރުކާރަށް ނަޝީދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ރާއްޖޭގެ އިތުރުން އިންޑިއާއިން ވަނީ ބަންގްލަދޭޝް އަށްވެސް ވެކްސިން ފޯރުކޮށްދީފަ އެވެ.