މުޅިރާއްޖެއިން 70 ހާސް މީހުންނަށް ވެކްސިން ދީފި

ކޮވިޑް19 ވެކްސިން ޖެހުމުން ދޫކުރާ ކާރޑް (ފޮޓޯ: ޓުވިޓަރ)
ކޮވިޑް19 ވެކްސިން ޖެހުމުން ދޫކުރާ ކާރޑް (ފޮޓޯ: ޓުވިޓަރ)
އާދިއްތަ , 21 ފެބްރުއަރީ 2021 | 12:32

ރާއްޖޭގައި ކޮވިޑް19 ވެކްސިން ދޭން ފެށިތާ ފުރަތަމަ ވިހި ދުވަސް ނިމިގެން ދިޔައިރު 70000 މީހުންނަށް ވެކްސިން ދީފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިހާތަނަށް ވަނީ ހަތްދިހަ ހާސް ނުވަ މީހުންނަށް ވެކްސިން ދީފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ އޭރިއާއިން ވެކްސިން ދީފައިވާ ފަންސާސް ތިންހާސް ހަސަތޭކަ ފަސްދޮޅަސް ނުވަ މީހުންނާއި، އަތޮޅުތަކުން ވެކްސިން ދީފައިވާ ސޯޅަހާސް ތިން ސަތޭކަ ސާޅީސް މީހުންނެވެ.

އިއްޔެ އާއި ހަމައަށް އައްޑޫސިޓީން އެކަނިވެސް ތިންހާސް ތިންސަތޭކަ ހަތްދިހަ ދެ މީހުންނަށް ވެކްސިން ދީފައިވެއެވެ.

އިއްޔެ އެކަނިވެސް ވަނީ ފަސްހާސް ދުއިސައްތަ އަށްޑިހަ ތިން މީހުންނަށް ވެކްސިންދީފައެވެ. މީގެ ތެެރޭގައި ގްރޭޓަރ މާލެ އޭރިއާއިން ވެކްސިން ތިންހާސް ހަތްސަތޭކަ ފަންސާސް ފަސް މީހުންނާއި އަތޮޅު ތެރެއިން ވެކްސިން ދިން ފަނަރަސަތޭކަ އަށާވީސް މީހުން ހިމެނެއެވެ.