އަނެއްކާވެސް ރެކޯޑެއް، މިއަދު ފަސްހާހަށް ވުރެ ގިނަ ފަތުރުވެރިން އައި

މިއަދު އެކަނިވެސް ފަސްހާހަށްވުރެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި
މިއަދު އެކަނިވެސް ފަސްހާހަށްވުރެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި
އާދިއްތަ , 21 ފެބްރުއަރީ 2021 | 22:32

ކޮވިޑް19ގެ ސަބަބުން ބޯޑަރު ބަންދުކޮށް ބާއްވާ ގިނަ ދުވަސްތަކެއް ވުމަށްފަހު، ބޯޑަރު ހުޅުވާލުމުން އެއްދުވަހަަކާއި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަސް ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އެގޮތުން މިއަދު އެކަނިވެސް 5100 ޓުއަރިސްޓުން ރާއްޖެ އައިސްފައިވެއެވެ.

މިދިޔަ އަހަރުގެ ފެބުރުއަރީމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ ދެލައްކަ ފަސްދޮޅަސް ތިންހާސް ހަތް ފަތުރުވެރިން އައިސްފައެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާއި ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެފައިވީނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދުވަނީ 3047 އަކަށް އަރާފައެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު އާއްމުގޮތެއްގައި ރާއްޖޭގައި 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާ ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި ދެ ދުވަހުގެ ތެރެއިން ކޮންމެ ދުވަހެއްގައިވެސް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު އުޅެނީ 2500 އަށްވުރެ މަތީގައެވެ.

އެގޮތުން މިމަހުގެ 12ވަނަ ދުވަހު ރާއްޖެއަށްވަނީ 4809 ފަތުރުވެރިން އައިސްފައެވެ. މިމަހުގެ 13ވަނަ ދުވަހުވެސް ރާއްޖެއަށްވަނީ 4480 ފަތުރުވެރިން އައިސްފައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހު 4856 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ އެއްދުވަހަކާއި އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް ރާއްޖެ އަށް ޒިޔާރަތް ކުރި ދުވަސްވެސްމެއެވެ.