ދުވަސްވީ މީހުނާއި ބަލިމީހުންގެ އެހީތެރިން ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފި

އުމުރުން ދުވަސްވީ މީހުންނާއި ހާއްސައެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މީހުން ނުވަތަ އެހީތެރިން ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
މިވަގުތު މާލެ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ގައި ދިރިއުޅޭ މިފަދަ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
މާލެ ސަރަޙައްދުގައި މިހާރު ވެކްސިން ދެމުންދަނީ ސޯޝަލް ސެންޓަރު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު، އިސްލާމީ މަރުކަޒު، އަދި ވިލިމާލެ ޔޫތު ސެންޓަރުގައެވެ.
އިސްލާމީ މަރުކަޒުގައި ވެކްސިން ޖެހުމުގެ ހިދުމަތް ހެނދުނު 09:00 އިން ފެށިގެން ހަވީރު 16:30 އަށް ލިބެއެވެ. އަދި ވިލިމާލެ ޔޫތު ސެންޓަރުން ހެނދުނު 09:00 އިން ހަވީރު 13:00 އަށް ވެކްސިން ޖަހައިދެއެވެ.
ވެކްސިން ޖަހަންދާއިރު އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިޔުމަށް ވަނީ އަންގާފައެވެ. އަދި، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ވެކްސިން ޖަހަން ނުދިޔުމަށާއި ބޭހެއް ބޭނުންކުރާނަމަ އެ ބޭހުގެ މައުލޫމާތު ވެސް ގެންދިޔުމަށް ވަނީ އެދިފައެވެ.