ކޮވިޑް ޖެހިގެން ހަ ކުޑަކުދިން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެނީ

ކޮވިޑް-19 ޖެހިގެން ހަ ކުޑަކުއްޖަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދާކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.
ކޮވީޑް ޖެހިގެން ފަރުވާ ދެމުން ގެންދާ ކުޑަކުދިންގެ މައުލޫމާތު މީގެ ކުރިންވެސް ހާމަކުރައްވަމުން ގެންދަވާ ޑރ. ފައިސަލް މިއަދު ވިދާޅުވީ ހަ ކުޑަކުދިން އެޓްމިޓުކޮށްގެން ފަރުވާ ދިނުމުގެ އިތުރުން މާބަނޑު އަންހެނަކު ބައްޔަށް ޕޮޒިޓިވް ވެގެން އޮޕަރޭޝަން ކުރަން ޖެހުނު ކަމަށެވެ. އަދި އެ ކުޑަކުއްޖާވެސް އޮތީ އެޑްމިޓުކޮށްފައިކަމަށް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ އެނދުމަތިކޮށްގެން ފަރުވާ ދެމުން ގެންދާ ހުރިހާ ކުދިންގެވެސް ހާލު ރަނގަޅު ކަމަށެވެ.
ފައިސަލް ވަނީ ކޮވިޑް ވެކްސިން ޖެހުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފަ އެވެ. އަދި ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް އެޅުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
މިހާތަނަށް އައިއިރު ރާއްޖެއިން 75،013 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފަ އެވެ. މިހާރު ގެންދަނީ 30 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދެމުންނެވެ. މީގެ އިތުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށްވެސް އަންނަނީ ވެކްސިން ދެމުންނެވެ.
އިއްޔެ އަލަށް ކޮވިޑަށް ޕޮޒިޓިވްވީ 157 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 103 މީހުންނާއި އަތޮޅު ތެރެއިން 54 މީހުންނެވެ. ރާއްޖެއިން 18،769 މީހަކަށް ކޮވިޑް ޖެހުނުއިރު ބަލީގައި 60 މީހަކު ވަނީ މަރުވެފަ އެވެ.