މާލެސަރަހައްދުން ވެކްސިންޖެހި މީހުންގެ އަދަދު 59 ހާހުން މައްޗަށް އަރައިފި

ގްރޭޓަރ މާލެ އޭރިއާގައި ދިރިއުޅޭ 59077 މީހުންނަށް ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ދީފިއެވެ.
އެގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ވެކްސިން ދިން 5،085 މީހުންގެ ތެރެއިން 3،054 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދީފައިވާ މީހުންނެވެ. އަދި 1،588 މީހުންނަށް އަތޮޅުތެރެއިން ވެކްސިން ދީފައިވާއިރު ބާކީ 443 މީހަކަށް ދީފައިވަނީ ރިސޯޓުތަކުގައެވެ.
މިއާއެކު މުޅި ރާއްޖެއިން މިވަގުތު މި ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު ވަނީ 80،159 އަށް އަރާފައެވެ.
އަތޮޅުތެރެއިން ދީފައިވަނީ 19،623 މީހަކަށެވެ. އަދި ރިސޯޓުތަކުން 1،459 މީހަކަށެވެ.
ރާއްޖޭގައި މިހާރު ދެމުންގެންދަނީ އިންޑިއާ އިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް" އެވެ.
ރާއްޖޭގައި ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.