ކޮވިޑް19: އައްޑޫސިޓީން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 76 އަކަށް

ކޮވިޑް19 އަށް އައްޑޫސިޓީން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު 76 އަކަށް އަރައިފިއެވެ.
އައްޑޫ ޓާސްކްފޯސް އިން ހާމަ ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިރޭގެ އިރު އޮއްސުމާއި ހަމައަށް ހަތް މީހަކު ޕޮޒިޓިވްވެފައިވެއެވެ. މި ހަތް މީހުންގެ ތެރެއިން އެކަކީ ފޭދޫގައި ކަރަންޓީގައި ހުރި މީހެކެވެ. ބާކީ ތިބި ހަމީހުންގެ ތެރެއިން އެކަކީ ހުޅުމީދޫ އެމްޓީސީސީ ކްލަސްޓާއާ ގުޅޭ މީހެކެވެ. އަދި އަނެއް 5 މީހުންނަކީ މީދޫން ޕޮޒިޓިވްވި މީހުންނާއި ދިމާވެފައިވާ މީހުންނެވެ.
އިތުރު ބަޔަކު ޕޮޒިޓިވްވުމާއެކު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 42 އަށް އަރާފައެވެ. އެއީ ހިތަދޫއިން ޕޮޒިޓިވްވި 21 މީހުން، މަރަދޫ ފޭދޫއިން 4 މީހުން އަދި ފޭދޫއިން 17 މީހެކެވެ.
ހުޅުމީދޫން ޕޮޒިޓިވްވި 6 މީހުންނާއި އެކީ އެމްޓީސީސީ ސައިޓުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 26 އަށް އަރާފައެވެ.
އައްޑޫ އިމްޖެންސީ އޮޕަރޭޝަނުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 2،754 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ. އޭގެ ތެރެއިން 89 ސާމްޕަލް އަކީ މިއަދު ނަގާފައިވާ ސާމްޕަލްއެވެ. މިވަގުތު ބަލި ޖެހުނު މީހުންގެ ތެރެއިން 38 މީހަކު ރަނގަޅުވެފައިވާއިރު، ފަރުވާ ދެމުން އަންނަނީ 38 މީހަކަށް ކަމަށްވެސް އޭއީއޯސީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.