އައްޑޫސިޓީ ހުޅުމީދޫގައި އިތުރު 7 ދުވަހަށް ކާފިއު ހިންގަން އެޗްޕީއޭއިން ނިންމައިފި

އައްޑޫ ސިޓީ
އައްޑޫ ސިޓީ
ބުދަ , 24 ފެބްރުއަރީ 2021 | 06:59

އައްޑޫސިޓީ ހުޅުމީދޫގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ނުވަތަ ކާފިއު ހިންގުން އިތުރު 7 ދުވަށް ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެގޮތުން މިއަދުން ފެށިގެން އިތުރު ހަތް ދުވަހަށް ކާފިއު ހިންގުމަށް ނިންމާފައިވަނީ އައްޑޫސިޓީ ހުޅުމީދޫ އިން ކޮވިޑް19 ޕޮޒިޓިވް ކޭސްތައް ފެންނަމުން ދިއުމާ ގުޅިގެންނެވެ.

ޑައިރެކްޓަރ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ވަނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ލިބިދޭ ބާރުގެ ދަށުން، 24 ފެބްރުއަރީން ފެށިގެން ހުޅުމީދޫގައި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.

މި ފިޔަވަޅުތައް އަޅަން ނިންމާފައިވާނީ މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.

އެގޮތުން ކާފިއުގެ ވަގުތުގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ހުޅުމީދޫގެ އެއް އަވަށުން އަނެއް އަވަަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން ހިމެނެއެވެ. މީގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށް ދާ ދިޔުމެއް ނުހިމެނެއެވެ.

އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާގައި އެއްވެ އުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުމާއި، ހުރިހާ ކުޅިވަރު ހަ ރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން. ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ޚިދުމަތް ދިނުމަަށްވެސް އެ ފިޔަވަޅުތަކުގައި ވެއެވެ.