25 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

ކޮވިޑް19 ވެކްސިން ޖެހުމުން ދޫކުރާ ކާރޑް (ފޮޓޯ: ޓުވިޓަރ)
ކޮވިޑް19 ވެކްސިން ޖެހުމުން ދޫކުރާ ކާރޑް (ފޮޓޯ: ޓުވިޓަރ)
ބުދަ , 24 ފެބްރުއަރީ 2021 | 11:00

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 25 އަހަރުވެފައިވާ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ހުޅުވާލައިފިއެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަަހައްދުގައި ހުރި ވެކްސިން ސެންޓަރުތަކުން މިއަދުން ފެށިގެން 25 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ވެކްސިން ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. މީގެ އިތުރުންވެސް އެނދުމަތިވެފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުންނާއި އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދު އުމުރުފުރާގެ މީހުންގެ ތެރެއިން ދިގުމުއްދަތަށް ބޭސްކުރާ މީހުންނަށްވެސް ވެކްސިން ޖެހުމަށް ވަނީ ހުޅުވާލާފައެވެ.

އެގޮތުން ސޯޝަލް ސެންޓަރާއި، އިސްލާމީ މަރުކަޒާއި، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން ކޮންމެ ދުވަހެއްގެވެސް ހެނދުނު ނުވައަކުން ހަވީރު ހަތަރު ގަޑި ތިރީހަށް ވެކްސިން ޖަހައިދޭނެ ކަމަށެވެ.

އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުން ހެނދުނު ނުވައަކުން މެންދުރު އެކަކަށް އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހެނދުނު ނުވައަކުން މެންދުރު ބާރައަށް ވެކްސިން ޖެހޭނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

މީގެ އިތުރުންވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން 9 އަކުން ބާރައަށް 40 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.