ފުލުހުންގެ 50 އިންސައްތައަށް ވެކްސިން ދީފި

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުލުހަކަށް ދެނީ
ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުލުހަކަށް ދެނީ
ބުރާސްފަތި , 25 ފެބްރުއަރީ 2021 | 14:12

ރާއްޖޭގައި މަސައްކަތް ކުރާ ފުލުހުންގެ 50 އިންސައްތައަށް ކޮވިޑް-19 ވެކްސިން ދީފައިވާކަމަށް މޯލްޑިވްސް ޕޮޒިސް ސާވިސް އިން ބުނެފި އެވެ.

މިއަދު ފުލުހުންގެ މީޑިއާ ގްރޫޕުގައި ބުނީ އެ މުއައްސަސާގެ 50 އިންސައްތަ ފުލުހުންނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މާލެ ސަރަހައްދުގައި މަސައްކަތްކުރާ 1676 ފުލުހަކު ވެކްސިން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަސް ގެންދަނީ ޕޮލިސް މެޑިކަލްގެ ބެލުމުގެ ދަށުންނެވެ.

ކޮވިޑް ވެކްސިން ޖަހަން ދެކޮޅު ހަދައިގެން ބައެއް ފުލުހުންނާއިމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އެހެންނަމަވެސް މިކަން ފުލުހުން މިއަދު ވަނީ ދޮގުކޮށްފަ އެވެ. އެގޮތުން އެއްވެސް ފުލުހަކާއިމެދު މިހާތަނަށް ފިޔަވަޅު އަޅަން ނިންމާފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މަސައްކަތް ކުރަނީ ވެކްސިން ޖަހައިގެން، ބަލިން ރައްކާތެރިވެ، ރައްކާތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދީ މިހާލަރު ބަދަލު ކުރުމަށް ކަމަށް ބުންޏެވެ.

ރާއްޖޭގައި މިހާރު ގެންދާ ވެކްސިން ދިނުމުގެ ޕްރޮގުރާމުގައި މިހާތަނަށް 90،865 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ. އޭގެ ތެރެއިން 64،900 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިން ދިން މީހުންނެވެ.

މިހާރު ވެކްސިން ދެމުން ގެންދަނީ އުމުރުން 25 އަހަރުން މަތީގެ މީހުންނަށާއި 18 އަހަރާއި 25 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށެވެ.

މިމަހުގެ 1 ވަނަ ދުވަހު ވެކްސިން ދޭން ފެށިއިރު ރާއްޖޭގައި ވަނީ ކޮވިޑްގެ ތިންވަނަ ރާޅެއް ފެށިފަ އެވެ. އަދިވެސް ދުވާލެއްގެ މައްޗަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ރާއްޖޭގައި ދަށަކަށް ނުދެއެވެ. އެގޮތުން މިހާރު ދުވާލަކު 100 އިން މަތީ އަދަދަކަށް ރާއްޖެއިން މީހުން ޕޮޒިޓިވް ވެއެވެ.