ކޮވިޑް ހާލަތު ކޮންޓްރޯލުން ނެއްޓި ލޮކްޑައުންއަކަށް ގޮސްދާނެ ކަމުގެ އިޝާރާތެއް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
ބުރާސްފަތި , 25 ފެބްރުއަރީ 2021 | 16:53

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު ކޮންޓްރޯލުން ނެއްޓިފައިވާކަމަށާއި ބައްޔާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ނަސީމް މިފަދައިން ވިދާޅުވީ ޓުއާ އޮޕަރޭޓަރުންނާއި އެޖެންސީތަކުގެ ގާނޫނެއް އެކުލަވައިލަން ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ނަސީމް ވިދާޅުވި ގޮތުގައި މިއަދު ހެނދުނާއި ހަމައަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 139 އަށް އަރާފައިވާ ކަމަށެވެ. އެހެންކަމުން މިއަދު އެކަނިވެސް 200 އެއްހާ މީހުން ޕޮޒިޓިވްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ހާލަތު އޮތީ ކޮންޓްރޯލުން ނެއްޓިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ހުރިހާ ބޭފުޅުންނަށް ހީވަނީ ދެން މި ކަންތައް މި ނިމުނީއޭ. ވެކްސިން ޖަހާލީމާ ނިމުނީއޭ... އެހެން ވާން އޮތް ކަމެއް ނޫން މިއީ

- ހެލްތު މިނިސްޓަރު އަހުމަދު ނަސީމް

ނަސީމް ވިދާޅުވި ގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުން މާސްކު އަޅަން ނުޖެހޭނެ ކަމަށާއި ގައިދުރުކަން ބަހައްޓަން ނުޖެހޭނެކަމަށް ބުނެ ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ. އަދި ބައެއް މިސްކިތްތަކުގައި މާސްކު ނާޅައި ނަމާދު ކުރާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ނަސީމް ވަނީ މާލެ ސަރަހައްދު ލޮންޑައުންއަކަށް ގޮސްދާނެ ކަމުގެ އިޝާރާތެއްވެސް ދެއްވައިފަ އެވެ. އެހެންނަމަވެސް ފުލް ލޮކްޑައުންއަކަށް ދާން ރާއްޖެއަށް އެފޯޑު ނުކުރެވޭނެ ކަމަށް ނަސީމް ވިދާޅުވި އެވެ. ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރަން މަޖުބޫރުވެފައި މިވަނީ މިހާރު ހުރި ފިޔަވަޅުތަކަށް އެއްބާރުލުން ނުދޭތީކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުން މިސާލު ނަންގަވައި ނަސީމް ވިދާޅުވީ ފުރަތަމަ އެޅި ފިޔަވަޅުތައް ދޫކޮށްލުމުން އިތުރަށް ކަންކަން ގޯސްވެ ލޮކްޑައުންއަކަށް ދާން ޖެހުނު ކަމަށެވެ. އަދި ރާއްޖޭގައިވެސް މިހާރު މިއޮތީ އަނެއްކާވެސް ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތު އައިސްފައިކަމަށް ނަސީމް ވިދާޅުވި އެވެ.

އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށާއި އެކަން އޮތީ ކުރަން ޖެހިފައިކަމަށްވެސް ނަސީމް ވިދާޅުވި އެވެ. އެހެންނަމަވެސް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރު ކުރާނެކަމަށް ނުބެލެވޭ ކަމަށާއި ފަތުރުވެރިންނާއި އެދާއިރާގެ މުވައްޒަފުންގެ މެދުގައި ބަލި ފެތުރުމުގެ ބިރު ނެތްކަމަށް ނަސީމް ވިދާޅުވި އެވެ.