އިއްޔެ އެކަނިވެސް އިންޑިއާގައި ކޮވިޑް ޖެހިގެން 794 މަރު

އިންޑިއާގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަނީ
އިންޑިއާގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަނީ
ހޮނިހިރު , 10 އޭޕްރިލް 2021 | 10:55

އިއްޔެ އެކަނި ކޮވިޑް-19 ޖެހުނު މީޙުންގެ ތެރެއިން އިންޑިއާއިން 794 މީހުން މަރުވެއްޖެ އެވެ.

އިއްޔެ އަކީ އިންޑިއާގައި ރެކޯޑު އަދަދަކަށް މި ބައްޔަށް މީހުން ޕޮޒިޓިވްވި ވެސް ދުވަހެކެވެ. އެގޮތުން އިއްޔެ އެކަނި އެގައުމުން 145،384 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ.

މިހާރު އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 13.21 މިލިއަނެވެ. މަރުވި މީހުންގެ އަދަދަކީ 168،436 އެވެ.

އިންޑިއާ އަކީ 3 ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ގައުމެވެ. އެންމެ ގިނަ މީހުން މިބައްޔަށް ޕޮޒިޓިވްވީ އެމެރިކާއިންނެވެ. ދެވަނައަށް ބްރެޒިލްއިންނެވެ.

މިއަހަރު ފެށުނުއިރު އިންޑިއާގެ ކޮވިޑް ނަމްބަރުތައް ވަނީ ދަށަށް ދާން ފަށައިފަ އެވެ. އެގޮތުން މިދިޔަ މާޗު މަހުގެ ފުރަތަމަ ދުވަހާއި ހަމައަށް އައިއިރު އެގައުމުން ކޮވިޑަށް ޕޮޒިޓިވް ވަނީ 15،000 އަށްވުރެއް މަދު މީހުންނެވެ. އިއްޔެއަކީ އިންޑިއާގައި ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވަމުން އަންނަތާ ތިންވަނަ ދުވަހެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ދުނިޔޭގެ އެންމެ ބޮޑު ވެކްސިނޭޝަން ޕްރޮގުރާމު އެގައުމުގައި ފަށައިގެން ގެންދަނީ ކުރިއަށެވެ. އެހެންނަމަވެސް ބައެއް ސްޓޭޓުތަކުގައި ވެކްސިން ހުސްވެގެން ދަނީ ރިޕޯޓު ކުރަމުންނެވެ.

"ދުނިޔޭގެ ފާމަސީ" ގެ ނަމުން މަޝްހޫރު ވެފައިވާ އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ ގައުމު، އިންޑިއާއިން ވެކްސިން އެކްސްޕޯޓު ކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާއިރު ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވެކްސިން ދިނުމުގެ ޕްރޮގުރާމު އިތުރަށް ފުޅާކުރާށެވެ.

ކޮވިޑުގެ ބަލިމަޑުކަން ފެށުނުއިރު އިންޑިއާގައި ހާލަތު ގޯސްވީ އެގައުމުގެ ފަގީރު ހިސާބުތަކުގަ އެވެ. އެހެންނަމަވެސް ކޮވިޑުގެ ދެވަނަ ރާޅުގައި ހާލަތު ގޯސްވަމުން އަންނަނީ ތަނަވަސް ސްޓޭޓުތަކުގަ އެވެ. އެގޮތުން އެންމެ ހާލަތު ގޯސް އެއް ތަނަކީ ވެރިރަށް މުމްބާއީ އެވެ. މުމްބާއީގެ މަހަރާޝްތްރަ ސްޓޭޓުގައި ރެކޯޑު އަދަދަކަށް މީހުން މަރުވަމުން އަންނަކަންވެސް ފާހަގަކޮށްލެވެ އެވެ.

މަހަރާޝްތްރަގައި މިހާރު ކޮވިޑްގެ ހާލަތު ގޯސްވަމުން ދިޔުމުގެ ސަބަބުން ބައެއް ގަޑިތަކުގައި ކާފިއު އިއުލާން ކޮށްފައިވާއިރު މައި ސަރުކާރުން ބުނަނީ އެސްޓޭޓު އެހާލަތަށް ދިޔައީ ކަމާބެހޭ އިދާރާތަކުން މާ ބޮޑަށް ދޫކޮށްލުމުން ކަމަށެވެ. މުމްބާއީގެ ބައެއް ހިސާބުތަކުން ވެކްސިން ހުސްވެފައިވުމުގެ ސަބަބުން އިއްޔެ ވެކްސިން ހޯދަން ކިއުގައި ޖެހުނު މީހުން ވަނީ ގެއަށްވެސް ފޮނުވާލައިފަ އެވެ.