އޮސްކާ ހޯދަން އަޖޭގެ ބޯ ތަލަ ކޮށްލަނީ

އޮސްކާ އެވޯޑަށް ޓާގެޓުކޮށް ހަދާ ބޮލީވުޑް ފިލްމަކަށް އެކްޓަރު އަޖޭ ދޭވްގަންގެ ބޯ ތަލަކޮށްލަން ނިންމައިފި އެވެ.
އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ އަހަރު މަސައްކަތްތައް ފަށަން ކުރިން ނިންމާފައި އޮތް "ޗަނަކްޔާ" ނަމަކަށް ކިޔާ ފިލްމުގައި އަޖޭ އަދާކުރާ ރޯލަށް އޭނާގެ ބޯ ތަލަކޮށްލާނެ އެވެ. އެފިލްމުގެ މަންޒަރުތައް ނަގަން ފަށާނީ މިއަހަރުގެ ފަހުކޮޅު ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
ނީރަޖް ޕާންޑޭ ޑައިރެކްޓު ކުރާ "ޗަނަކްޔާ" އަކީ އިންޑިއާގެ ކުރީގެ ޕިލޯސޮފާ އެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެފިލްމަށް ތައްޔާރު ވުމުގެ ގޮތުން ޕްރޮޑަކްޝަން ޓީމުން ވަނީ އިންޑިއާގެ ބައެއް ތަންތަނަށް ދަތުރުކޮށް ވާހަކަތައް ހޯދައިފަ އެވެ. އެގޮތުން ބިހާރަށް ދަތުރުކޮށް ޕަޓްނާގެ ބައެއް ކުރީގެ ވާހަކަތަކަށް ޓީމުން ވަނީ ދިރާސާތަކެއް ހަދައިފަ އެވެ.
ފިލްމުގެ ވާހަކަ ލިޔުނު މަނޯޖް މުންތަސިރު ބުނީ މި ފިލްމަކީ އޮސްކާ އެވޯޑަށް ޓާގެޓުކޮށް ހަދާ ފިލްމެއް ހަމަށާއި ފިލްމު ހުރިހާ ގޮތަކުންވެސް މޮޅުވާނެ ކަމަށެވެ. "ޗަނަކްޔާ" ގައި އަޖޭއާއެކު ފެންނާނެ އިތުރު ތަރިންގެ ނަން އަދި ހާމައެއް ނުކުރެ އެވެ.
އަޖޭ މިހާރު ދަނީ އޭނާ ޑައިރެކްޓު ކުރާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އަމީތާބު ބައްޗަންވެސް މުހިންމު ރޯލަކުން ފެންނަ އެ ފިލްމަށް ކިޔަނީ "މޭޑޭ" އެވެ.
އަޖޭ އެންމެ ފަހުން ފެނުނީ އަންހެނުން ކާޖޮލް އާއި އެކްޓަރު ސައިފް އަލީ ހާން އާއެކު "ތަނާޖީ: ދަ އަންސަންގް ވޯރިއޯ" އިންނެވެ. އެފިލްމަކީ ވިޔަފާރީގެ ގޮތުންނާއި ކްރިޓީކްސްގެ ގޮތުންވެސް ވަރަށް ކާމިޔާބު ފިލްމެކެވެ.