ވަރުން އާއި ނަތާޝާގެ ކައިވެނި މިމަހު 24 ގައި

ވަރުން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ
ވަރުން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ
ހުކުރު , 15 ޖެނުއަރީ 2021 | 10:10

ބޮލީވުޑް އެކްޓަރު ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލުގެ ކައިވެނި މިމަހުގެ 24 ގައި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިހާތަނަށް ކަށަވަރުވެފައި ނުވިނަމަވެސް ވަރުންއާ ނަތާޝާގެ ކައިވެނީގެ ހަފްލާ އޮންނާނީ އިންޑިއާގެ އަލިބައުގް ގެ ރިޒޯޓެއްގަ އެވެ. މި ހަފްލާ ބާއްވަން ނިންމާފައިވަނީ 50 ނުވަތަ 60 ގެސްޓުންނާއި އެކު އެވެ. އެހެންނަމަވެސް ފަހުން މުމްބާއިގައި ބޮޑު ހަފްލާއެއް ބައްވާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަމައެކަނި އާއިލާ އާއި ގާތް މީހުންނާއެކު އަލިބައުގް ގައި ބާއްވާ މި ހަފްލާއަށްފަހު މުމްބާއިގައި އޮންނަ ހަފްލާއަށް ބޮލީވުޑްގެ ހުރިހާ ތަރިން ހާޒިރުވާނެ ކަމަށް ބެލެވެ އެވެ. އެ ހަފްލާއަކީ ބަންޖާބީ ސްޓައިލްގައި ބާއްވާނެ ހަފްލާއަކަށްވެސް ވެދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިއީ 2021 ވަނަ އަހަރުގެ އެންމެ ބޮޑު ބޮލީވުޑް ކައިވެންޏެވެ. އެތައް އަހަރެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވަރުން އާއި ނަތާޝާގެ ކައިވެނީގެ ވާހަކަ 2019 ވަނަ އަހަރުން ފެށީގެން އަންނަނީ ދެކެވެމުންނެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން 3 ފަހަރެއްގެ މަތިން ވަރުން ނަތާޝާ އަށް ކައިވެނި ކުރަން އެދި ހުށަހެޅި އެވެ. އެހެންނަމަވެސް ނަތާޝާ ކައިވެނި ކުރަން ބޭނުން ނުވާތީ ކައިވެނި ފަސްކުރަނީ އެވެ.

އެންމެ ފަހުން މިދިޔަ އަހަރުގެ ފަހުކޮޅުވެސް މި ދެތަރިންގެ ކައިވެނީގެ ވާހަކަ ދެކެވުނެވެ. ދެތަރިން އެންގޭޖު ކުރިކަމަށް ބުނެ ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރު ސޯޝަލް މީޑިއާގައިވެސް ވާހަކަ ދެއްކި އެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ވަރުންވެސް އަދި ނަތާޝާ ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.