ކަރިޝްމާ އޭނާގެ އެޕާޓްމެންޓު 10 ކްރޯޑް ރުޕީޒްއަށް ވިއްކާލައިފި

ބަތަލާ ކަރިޝްމާ ކަޕޫރު
ބަތަލާ ކަރިޝްމާ ކަޕޫރު
ހޮނިހިރު , 16 ޖެނުއަރީ 2021 | 08:47

ބޮލީވުޑް ބަތަލާ ކަރިޝްމާ ކަޕޫރު އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓު 10.11 ކްރޯޑް ރުޕީޒްއަށް ވިއްކާލައިފި އެވެ.

މުމްބާއީގައި ހުންނަ އެ އެޕާޓްމެންޓުގައި ކަރިޝްމާ އާއިއެކު އޭނާގެ މަންމަ ބަބީތާ ކަޕޫރުވެސް ދިޔައީ ދިރިއުޅެމުންނެވެ. އިންޑިއާގެ ގިނަ ތަރިންތަކެއް މިފަހަކަށް އައިސް އަންނަނީ ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވަންނަމުންނެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އިންޑިއާގައި އަލަށް އެކުލަވައިލި އުސޫލުގެ ދަށުން 10 ބުރިއަށްވުރެއް އުސް އިމާރާތްތަކުގެ އަގު ކުރާއިރު ސްޓޭމްޕް ޑިއުޓީގެ ގޮތުގައި 20.22 ލައްކަ ރުޕީޒް ނެގޭނެ އެވެ. އެއާއިއެކު ކަރިޝްމާގެ ގެ ހުރި ސަރަހައްދުން ސްކޮއާ ފީޓަކަށް 55 ހާހާއި 90 ހާސް ރުޕީޒް އާއި ދެމެދަށް އަގު ކުރެވޭނެ އެވެ. ކަރިޝްމާ އޭނާގެ ގެ ވިއްކީ ސްކޮއާ ފީޓަކަށް 65 ހާސް ރުޕީޒްގެ މަގުންނެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ކަރިޝްމާ ދިރިއުޅެމުންދިޔަ އެޕާޓްމެންޓުވެސް އޭނާ ވަނީ ވިއްކާލައިފަ އެވެ. ބޭންޑްރާގައި ހުންނަ އެ އެޕާޓްމެންޓު އޭނާ ވިއްކައިލީ 1.39 ކްރޯޑް ރުޕީޒް އަށެވެ. ކަރިޝްމާ އޭނާގެ އެޕާޓްމެންޓު ވިއްކައިލިއިރު އިތުރު ގެއެއް ނުވަތަ އެޕާޓްމެންޓެއް އޭނާ ގަތް ކަމަކަށް މީޑިއާ ރިޕޯޓުތައް މިހާތަނަށް ބުނެފައެއް ނުވެ އެވެ.

ކަރިޝްމާގެ އިތުރުން އެކްޓަރު ރިތިކު ރޯޝަން އާއި ޖާންވީ ކަޕޫރުވެސް ވަނީ ދާދި ފަހުން ރިއަލް އެސްޓޭޓު ވިޔަފާރީގެ ތެރެއަށް ވަދެފަ އެވެ.