އަކްޝޭގެ ބެލް ބޮޓޮމް ޖޫން މަހު، އާލިއާގެ ގަންގޫބާއީ ކަތިއަވަޑީ ނޮވެމްބަރު މަހު

ބެލް ބޮޓޮމް އަދި ގަންގޫބާއީ ކަތިއަވަޑީ ގެ ޕޯސްޓަރު
ބެލް ބޮޓޮމް އަދި ގަންގޫބާއީ ކަތިއަވަޑީ ގެ ޕޯސްޓަރު
އާދިއްތަ , 17 ޖެނުއަރީ 2021 | 09:47

މި އަހަރު ރިލީޒްކުރަން ތައްޔާރުވަމުންދާ ބޮލީވުޑްގެ ބޮޑު ދެ ފިލްމު ކަމަށްވާ "ބެލް ބޮޓޮމް" އާއި "ގަންގޫބާއީ ކަތިއަވަޑީ" ސިނަމާތަކުގައި އަޅުވާނެ ތާރީހުތައް ކަނޑައަޅައިފި އެވެ.

މިދިޔަ 2021 ވަނަ އަހަރަކީ ކޮވިޑް-19 ގެ ސަބަބުން މުޅި ބޮލީވުޑްހެން ހުއްޓިފައި އޮތް އަހަރެކެވެ. އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައި އޮތުމުން ނިންމާފައި ހުރި ގިނަ ފިލްމުތަކެއް ސްޓްރީމިން ޕްލެޓްފޯމުތަކުގައިވެސް ރިލީޒް ކުރި އެވެ. އަދި މަންޒަރުތައް ނުނިމި ހުރި ފިލްމުތައް ވަކި ތާރީހެއް ނެތް ގޮތަށް ފަސް ކުރި އެވެ. އޭގެ ތެރެއިން ބައެއް ފިލްމުތަކުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ފަށައި، ބައެއް މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.

އެގޮތުން ޝޫޓިންގެ ނުނިމި ހުރި މަސައްކަތްތައް މިދިޔަ އަހަރު އޯގަސްޓު މަހު އިނގިރޭސިވިލާތުގައި ފެށި އަކްޝޭ ކުމާރު ލީޑް ރޯލުން ފެންނަ "ބެލް ބޮޓޮމް" ގެ މަންޒަރުތައް ނެގުން ނިންމާލައި އެފިލްމު މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގަ އެވެ. ލާރާ ދައްތާ އަދި ވާނީ ކަޕޫރުވެސް މުހިންމު ރޯލުތަކުން ފެންނަ މި ފިލްމު ކުރިން ރިލީޒްކުރަން ކަނޑައެޅީ މިއަހަރުގެ އޭޕްރީލް މަހު އެވެ. އެހެންނަމަވެސް ރޯހިތު ޝެއްޓީ ޑައިރެކްޓު ކުރާ އަކްޝޭގެ "ސޫރިޔަވަންޝީ" ވެސް އޭޕްރީލްގައި ރިލީޒްކުރަން ނިންމާފައި އޮތުމުން "ބެލް ބޮޓޮމް" އިތުރު ދެ މަސް ދުވަހަށް ފަސްކޮށް ޖޫން މަހު ރިލީޒްކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން "ބެލް ބޮޓޮމް" ގެ ޕޯސްޓު ޕްރޮޑަކްޝަން މަސައްކަތްތައް އަންނަ މަހު ނިންމައިލެވޭނެ އެވެ. އެހެންނަމަވެސް އަކްޝޭގެ ދެ ފިލްމެއް އެއް މަހެއްގެ ތެރޭގައި އެޅުވުމަކީ ވިޔަފާރިއަށް އަސަރުކޮށްފާނެ ކަމަކަށް ވާނެތީ ފިލްމު ހޯލްޑުގައި ބާއްވަން ޕްރޮޑަކްޝަން ޓީމުން ނިންމީ އެވެ.

އަނެއްކޮޅުން މިހާރު މަންޒަރުތައް ނަގަމުންދާ ސަންޖޭ ލީލާ ބަންސާލީގެ ޑައިރެކްޝަން "ގަންގޫބާއީ ކަތިއާވަޑީ" ސިނަމާތަކުގައި އަޅުވާނެ ތާރީހުވެސް މި ވަނީ ކަނޑައަޅައިފަ އެވެ. އާލިއާ ބަޓް ލީޑް ރޯލުން ފެންނަ އެ ފިލްމު އަޅުވާނެ ތާރީހެއް ކަމަށް ރިޕޯޓުތައް ބުނަނީ މި އަހަރުގެ ނޮވެމްބަރު މަހު އެވެ. މަލްޓި ލެންގުއޭޖްކޮށް ރިލީޒްކުރާ މި ފިލްމުގެ މަންޒަރުތަކުގެ ބޮޑު ބައެއް މިހާރު ނަގާ ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ އެންމެ ފަހު ޝެޑިއުލް ކަމަށް ރިލޯޓުތައް ބުނެ އެވެ.

"ގަންގޫބާއީ ކަތިއަވަޑީ" ރިލީޒް ކުރާނީ އިންޑިއާގެ ދިވާލީގެ މުނާސަބަތާ ގުޅުވައިގެންނެވެ. މިއީ އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް ވެދާނެ ކަމަށް ބެލެވޭ ފިލްމެކެވެ. މިފިލްމުގައި އާލިއާ އަދާކުރާނީ މާފިއާ ބޮޑު މީހެއްގެ ރޯލެވެ.

އިންޑިއާގެ ގިނަ ސިނަމާތަކެއް މިހާރު ވަނީ ހުޅުވައިފަ އެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތު ގޯސް ބައެއް ހިސާބުތަކުގައި އަދިވެސް ސިނަމާތައް ނުހުޅުވަ އެވެ. ބެލެވޭ ގޮތުގައި އިއްޔެ ފެށި ކޮވިޑް ވެކްސިނޭޝަން ޕްރޮގުރާމާއިއެކު އިތުރު ސިނަމާތައްވެސް ވަރަށް އަވަހަށް ހުޅުވާނެ އެވެ. މިއަހަރަކީ ބޮލީވުޑްގެ ބޮޑެތި ގިނަ ފިލްމުތަކެއް ސިނަމާތަކުގައި އަޅުވާނެ އަހަރެކެވެ.