ޝާހިދުގެ ޖާޒީ ނޮވެމްބަރު 5 ގައި ސިނަމާތަކަށް

ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރު ލީޑް ރޯލުން ފެންނަ ފިލްމު "ޖާޒީ" މިއަހަރުގެ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން ނިންމައި ތާރީހު އިއުލާން ކޮށްފި އެވެ.
މިދިޔަ އަހަރު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ޝޫޓިން ނިންމައިލި އެ ފިލްމުން ޝާހިދުގެ އިތުރުން ޕަންކަޖު ކަޕޫރާއި މްރުނާލް ޓާކުރު ވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ. ގޯތަމް ތިއްނަނޫރީ ޑައިރެކްޓު ކުރާ މި ފިލްމަކީ ހަމަ އެ ނަމުގައި އުފެއްދި ތަމަޅަ ފިލްމުގެ ރީމޭކެކެވެ.
އިއްޔެ ޝާހިދު އޭނާގެ ސޯޝަލް މީޑިއާގައި ބުނީ އިންޑިއާގައި ފާހަގަކުރާ ދިވާލީ އާއި ދިމާކޮށް މި އަހަރުގެ ނޮވެމްބަރު ފަސް ވަނަ ދުވަހު މިފިލްމު ސިނަމާތަކުގައި އަޅުވަން ނިންމާފައިވާ ކަމަށެވެ. އަދި ފިލްމުގައި ކުރެވުނު މަސައްކަތާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށްވެސް ޝާހިދު ބުންޏެވެ.
ފިލްމުގެ ޕްރޮޑިއުސަރު އަމަން ގިލް އޭނާގެ ސޯޝަލް މީޑިއާގައި ބުނީ ދިވާލީ އަކީ އާއިލާތަކަށް އަންނަ އެންމެ އުފާވެރި މުނާސަބާ ކަމުން "ޖާޒީ" ސިނަމާތަކުގައި އަޅުވަން އެންމެ ރަނގަޅު ދުވަސްވަރަކީ އެއީ ކަމަށެވެ. އަދި މުޅި އާއިލާއާއިއެކު ސިނަމާއަށް ގޮސް ފިލްމު ބަލައިލުމުގެ އުފާ ލިބިގަތުމަށް އަމަން ވަނީ އެދިފަ އެވެ.
ޝާހިދު މީގެ ކުރިންވެސް ވަނީ އެހެން ބަހުރުވައިން އުފައްދާފައިވާ ކާމިޔާބު ފިލްމުތަކުގެ ރީމޭކުތަކުން ފެނިގެން ގޮސްފަ އެވެ. އެގޮތުން ދާދި ފަހުން ސިނަމާތަކުގައި އަޅުގައި ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބެއް ހޯދި "ކަބީރު ސިންގް" ފާޙަގަކޮށްލެވެ އެވެ. އެއީ ތަމަޅަ ފިލްމު "އަރުޖުން ރެއްޑީ" ގެ ރީމޭކެކެވެ. އެ ފިލްމަކީ ޝާހިދުގެ މުޅި ބޮލީވުޑް ކެރިއަރުގައިވެސް އެޅުވި އެންމެ ކާމިޔާބު ފިލްމެވެ.