"މިސްޓަރ އިންޑިޔާ" ގެ ރީމޭކެއް ހަދާތީ ސޯނަމް ހިތުގައި ޖެހިއްޖެ

ބަތަލާ ސޯނަމް ކަޕޫރު
ބަތަލާ ސޯނަމް ކަޕޫރު
އާދިއްތަ , 23 ފެބްރުއަރީ 2020 | 18:05

ބައްޕަ އަނިލް ކަޕޫރު އަދި ސްރީދޭވީ ލީޑްރޯލުން ފެނިގެންދާ ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމު "މިސްޓަރ އިންޑިޔާ" ގެ ރީމޭކެއް ހަދާކަން އިޢުލާންކުރުމުން ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރު ހިތުގައި ޖެހިއްޖެއެވެ.

"މިސްޓަރ އިންޑިޔާ" ގެ ރީމޭކް އިޢުލާން ކުރީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މަޝްހޫރު ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްއެވެ. އޮރިޖިނަލް ފިލްމު އުފެއްދި ފަރާތްތަކުން ރީމޭކެއް ހެދުމުގެ ހުއްދައަށް އެދިފައި ނުވާކަމަށް ދާދިފަހުން މީޑިއާގައި ވާހަކަ ދެކެވުނެވެ.

މިވާހަކަތައް ދެކެވިފައިވަނިކޮށް ސޯނަމް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ބައްޕަ އަނިލް ކަޕޫރު އަދި ކުރީގެ ފިލްމުގެ ޑައިރެކްޓަރު ޝޭކަރަކީ "މިސްޓަރ އިންޑިޔާ" އަސްލަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ދެމީހުން ކަމަށެވެ. އަދި ރީމޭކެއް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު މީގެ އެއްވެސް ވާހަކައެއް އަނިލްއާ ޝޭކަރާ ހިއްސާކޮށްފައި ނުވާކަމަށް ސޯނަމް ބުނެފައިވެއެވެ.

Instagram Embeded

އަދި މިއީ އޮރިޖިލް ފިލްމަށާ އޭގެ ތަރިންނަށް އިހުތިރާމް ކުޑަކުރުންކަމަށް ސޯނަމް ސިފަކޮށްފައިވެއެވެ.

"މިސްޓަރ އިންޑިޔާ" ގެ ރީމޭކަށް މިހާރު ވަނީ ކާސްޓުން ނެގުމުގެ މަސައްކަތް ފަށާފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އަނިލް ކަޕޫރުގެ ރޯލު އަދާކުރާނީ އެކްޓަރު ރަންވީރް ސިންގެވެ، އަދި އުމްރިސްޕޫރީގެ ރޯލު އަދާކުރާނީ ޝާހުރުކްޚާންއެވެ. ބަތަލާގެ ރޯލު އަދާކުރާނީ ކޮން ފަރާތެއްކަމެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.