ހިޔާ ފްލެޓުތަކުގެ އަގު ތިން ފަހަރު ތިން ގޮތަށް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
ބުރާސްފަތި , 25 ފެބްރުއަރީ 2021 | 10:22

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ފްލެޓުތައް އޭރުގެ ސަރުކާރުން ދޫކުރަން ނިންމި އަގު ހާމަކޮށްފައިވަނިކޮށް އެ އަގުގައި ކުއްޔަށް ދެވެން ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ނަމަވެސް ފްލެޓު ދޫކުރެވޭނެ އަގަކީ ކުރީ ސަރުކާރުން ހާމަކުރި އަގުކަމަށް ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތައް ކުރީ ސަރުކާރުން ދޫކުރަން ނިންމީ މަހަކަށް 6000 ރުފިޔާގެ މަގުންނެވެ. އެއީ ގާތްގަނޑަކަށް 15 އަހަރުން ދައްކައި ހަލާސްކުރުމަށްފަހު ދެން ފްލެޓު މިލްކުވާ ގޮތަށެވެ. ރައީސް ޔާމީންގެ ސަރުކާރުން މި އަގު ހާމަކޮށްފައި އޮތްނަމަވެސް ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވިދާޅުވީ ހިޔާ ފްލެޓުތައް އެންމެ އަގުހެޔޮކޮށްވެސް ކުއްޔަށް ދެވޭނީ 11،000 ރުފިޔާއަށް ކަމަށެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގް މިނިސްޓަރު އަސްލަމް ވިދާޅުވީ ކޮންމެ ޔުނިޓެއްގެ އަގަކީ 1.16 މިލިއަން ރުފިޔާ ކަމަށެވެ. އެއީ ސަރުކާރުން އެއިން ފްލެޓަކަށް ދައްކަންޖެހޭ އަގު ކަމަށާއި އެ އަގަކީ 530 އަކަފޫޓަށް ކުރާ އަގެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފިނިޝިން މަސައްކަތްތައް ނުލާ މަސައްކަތް ކުރިއަށް ގެންދާގޮތައް އޮތީ. އެގޮތައް ކުރިއަށް އެދަނީވެސް. އެހެން އޮތް އިރުވެސް މީގެ ޔުނިޓެއްގެ އަގު އެބަޖެހޭ 1.16 މިލިއަން ރުފިޔާއަށް. ސަރުކާރުން މިއަށް ދައްކަން ޖެހޭ އާޙިރު މީގެ އަގަކީ 1.16 މިލިއަން ރުފިޔާ.

- ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް

މިނިސްޓަރު އަސްލަމް ވިދާޅުވި އަގަށް ބަލާއިރު، 1.16 މިލިއަން ރުފިޔާ 15 އަހަރަށް ބަހާލައިފިނަމަ ޖެހޭނީ މަހަކަށް 6،400 ރުފިޔާ އެވެ. އަދި 25 އަހަރަށް ބަހާލައިފި ނަމަ ޖެހޭނީ 3،800 ރުފިޔާ އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދާއިމީ ލިސްޓު ހާމަކުރުމަށްފަހު ނިންމާފައިވަނީ 25،000 ރުފިޔާ ޑައުން ޕޭމެންޓުގެ ގޮތުގައި ދެއްކުމަށްފަހު ދެން ކޮންމެ މަހަކު 6،600 ރުފިޔާ ކުލީގެ ގޮތުގައި ނަގާށެވެ. އެއީ ފްލެޓަށް ދައްކަންޖެހޭ އަގަށް 5،600 ރުފިޔާ އާއި މެއިންޓެނެންސް ފީއަށް 1،000 ރުފިޔާ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުގައި ހިޔާ ފްލެޓުތަކުގެ ދާއިމީ ލިސްޓު ބަދަލުކޮށް އާ ލިސްޓެއް ހާމަކުރިއިރު އަދިވެސް ޔުނިޓަކަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ސީދާ އަދަދެއް ކަނޑައަޅައިފައެއް ނުވެ އެވެ. ރައީސް ޔާމީންގެ ސަރުކާރު ބަދަލުވިއިރު ފިނިޝިން މަސައްކަތްތައް ކުރިއަށް ގެންދިޔަ ހިޔާ ފްލެޓުތައް ދެ އަހަރު ވެގެން ދިޔަ އިރުވެސް އޭގެ ހައްގުވެރިންނަށް ދީފައެއް ނުވެ އެވެ.

ފްލެޓުގެ ދާއިމީ ލިސްޓާއި ގުޅޭ ގިނަ ޝަކުވާތަކެއް އާންމުން ކުރަމުން އަންނައިރު ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އަންނަ މާޗު މަސް ނިމުމުގެ ކުރިން ފްލެޓުތައް އޭގެ ހައްގުވެރިންނާއި ހަވާލު ކުރާށެވެ.