ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ބާއްވާނަމަ ބޯލަނބަންޖެހޭ ގައިޑްލައިން ފޮނުވައިފި

އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
އަންގާރަ , 19 ޖެނުއަރީ 2021 | 21:03

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮއްވާ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނަމަ ބޯލަނބަންޖެހޭ ރައްކާތެރިކަމުގެ ގައިޑްލައިންގެ ޑްރާފްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފި އެވެ.

މިއަދު ރާއްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހުހާއިއެކު ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވިދާނެ އެވެ. އެހެންނަމަވެސް އެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ބަޕްލިކް ހެލްތު ކަނޑައަޅާ އުސޫލުތަކާއި އިރުޝާދުތަކަށް ބޯލަނބަން ޖެހެއެވެ. މިއަދު ފާސްކުރި ބިލުގައި ވަނީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދެވޭނެހެން އެޗްޕީއޭއިން ގައިޑްލައިން އެކުލަވައިލުމަށް ވަކި މާއްދާއެއް ހިމަނައިފަ އެވެ.

އިލެކްޝަނުން ބުނީ އެޗްޕީއޭގެ ގައިޑްލައިން މިހާރު ދަނީ ދިރާސާ ކުރަމުން ކަމަށެވެ. އެގޮތުން މި ގައިޑްލައިނާއި ގުޅޭގޮތުން ސިޔާސީ ޕާޓިތަކުގެ ހިޔާލު ހުރި ގޮތެއް ހޯދާނެ ކަމަށް އީސީން ބުނެ އެވެ.

އެޗްޕީއޭގެ ގައިޑްލައިންގައި ބުނާ ގޮތުން ކެމްޕެއިނަށް ރަށްތަކަށް ދާ ފަރާތްތަކުން 10 ދުވަސް އެ ރަށެއްގައި ކަރަންޓީނުވާން ޖެހެ އެވެ. އަދި އެއްވެސް މީހަކު ޕޮޒިޓިވް ވެއްޖެނަމަ އޭނާގެ ބަދަލުގައި އެހެން މީހަކު ފޮނުވުމަށްވެސް ގައިޑްލައިންގައި ވަނީ ބުނެފަ އެވެ. އީސީން ވަނީ މިކަމާއިމެދު ކަންބޮޑުވުން ފާޅުކޮށް، އެހެން އޮތުމުން ކެމްޕެއިނަށް ދާ ހަރަދު ވަރަށް ބޮޑުވާނެ ކަމަށް ބުނެފަ އެވެ.

އެޗްޕީއޭއިން ގައިޑްލައިން އެކުލަވާލައި އީސީއަށް ފޮނުވަން ޖެހެނީ މިއަދުން ފެށިގެން 7 ދުވަސް ތެރޭގަ އެވެ. އެހެންނަމަވެސް އެއް ދުވަސް ނުވަނީސް އެޗްޕީއޭއިން މިވަނީ ގައިޑްލައިންގެ ޑްރާފްޓު ފޮނުވައިފަ އެވެ.

މިއަދު ފާސްކުރި ހާއްސަ ގާނޫނުގައި ވަނީ އަންނަ މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ސަބަބަކާއި ހުރެ އިންތިހާބު ނުބޭއްވޭގޮތް މެދުވެރިވެއްޖެ ނަމަ އެކަން ލިޔުމުން ބަޔާން ކޮށް 30 ދުވަހުގެ ކުރިން މަޖިލީހަށް އެންގުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް ދީފަ އެވެ. އެހެންކަމުން އޭޕްރީލް މަހު ބާއްވަން ތައްޔާރުވަމުންދާ އިންތިހާބު އިތުރަށް ފަސްވުމުގެ ފުރުސަތު އެބަ އޮތެވެ.