ނައިފަރުން 133، ހިންނަވަރުން 35 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ޅ. އަތޮޅު ހޮސްޕިޓަލުގައި ބަލި މީހަކަށް ފަރުވާ ދެނީ
ޅ. އަތޮޅު ހޮސްޕިޓަލުގައި ބަލި މީހަކަށް ފަރުވާ ދެނީ
ހޯމަ , 05 އޭޕްރިލް 2021 | 13:14

ހަލުވިކަމާއިއެކު ކޮވިޑް-19 ފެތުރެމުންދާ ޅ އަތޮޅު ނައިފަރުން އިއްޔެގެ ނިޔަލަށް 133 މީހުން އަދި ހިންނަވަރުން 35 މީހުން ޕޮޒިޓިވް ވެއްޖެ އެވެ.

ނައިފަރާ ހިންނަވަރަކީ ޅ އަތޮޅުގެ އެންމެ އާބާދީ ބޮޑު ދެ ރަށެވެ.

ކޮވިޑާއި ގުޅިގެ މިހާރު ކާފިއު ހިންގަމުންދާ ނައިފަރުގައި މިހާތަނަށް ނެގި 1،517 ސާމްޕަލްއެއްގެ ތެރެއިން ނެގެޓިވް ވީ 1،350 ސާމްޕަލްއެކެވެ. 133 މީހުން ޕޮޒިޓިވްވިއިރު ނަތީޖާ ނުލިބޭ 34 ސާމްޕަލްއެއް އަދިވެސް އެބަ އުޅެއެވެ. އޭގެ ތެރޭގައި މިދިޔަ މަހުގެ 21 ގެ ފަހުން ނެގި 14 ސާމްޕަލް އަކާއި އިއްޔެގެ ނިޔަލަށް މިމަހު ނެގި އިތުރު 20 ސާމްޕަލްއެއް ހިމެނެ އެވެ.

ހިންނަވަރުން އެންމެ ފަހުން ނަތީޖާ ލިބުނީ މިމަހު 2 ވަނަ ދުވަހު ނެގި ސާމްޕަލްތަކުގެ އެވެ. އޭގެ ފަހުން ނެގި އެއްވެސް ސާމްޕަލްއެއްގެ ނަތީޖާ އަދި ނުލިބޭއިރު މިމަހު 2 ވަނަ ދުވަހުގެ ނިޔަލަސް ނަގާފައިވާ 37 ސާމްޕަލްއެއްގެ ނަތީޖާވެސް އަދި ނުލިބެ އެވެ. ހިންނަވަރުން މިހާތަނަށް ޕޮޒިޓިވްވީ 35 މީހުންނެވެ.

ހިންނަވަރާއި ނައިފަރުވެސް މިވަގުތު އޮތީ މޮނިޓަރިން ހާލަތުގަ އެވެ. އެހެންކަމުން ހާއްސަ ހުއްދައެއް ނެތި އެ ދެރަށަށްވެސް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ނައިފަރުގައި ހަލުވިކަމާއިއެކު ކޮވީޑް ފެތުރެމުން ދިޔުމާއިއެކު މުޅި އަތޮޅުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ ހެލްތު މިނިސްޓްރީގެ ޓީމެއް މާލެއިން ވަނީ ނައިފަރަށް ފޮނުވައިފަ އެވެ.