ފެން ބޯންވީ ކިހާ މިންވަރަކަށް އަދި ކިހިނެއް؟

މީހަކު ފެން ބޮނީ
މީހަކު ފެން ބޮނީ
ބުރާސްފަތި , 17 ޑިސެމްބަރ 2020 | 12:59

ފެން ބުއިމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މުހިންމު ކަމެއްކަން އެންމެންނަށްވެސް އެނގެ އެވެ. އެތައް ކަމަކަށް ފެނަކީ ވަރަށް މުހިންމު އެއްޗަކަށް ވެގެން ދެއެވެ. ހަޖަމު ކުރުމާއި ހަންގަނޑު ރީތިކޮށް ބެހެއްޓުމުގެ އިތުރުން އިސްތަށިގަނޑު ހެދުމުގައިވެސް ފެނަކީ ވަރަށް މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ.

އެހެންނަމަވެސް ފެން ބޯން ޖެހޭ ވަކި ގޮތްތަކެއް ހުރިކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އަޔުރްވެދިކް ތަޖުރިބާކާރު ޑރ. ދިކްޝާ ބާވްސަރް ބުނާ ގޮތުގައި ފެނުން ހަށިގަނޑަށް ލިއްބައިދޭ ފައިދާތައް އެންމެ އެދެވޭ ގޮތުގައި ލިބޭނީ ވަކި ހަމަތަކެއް ފެން ބުއިމުގައި ހިފަހައްޓައިގެންނެވެ.

ފެން ބުއިން އެންމެ ރަނގަޅީ ކޮން ވަގުތަކު؟

ކަރު ހިއްކާ ކޮންމެ ފަހަރަކު ފެން ބުއިމަކީ ރަނގަޅު ކަމެކެވެ. ހެނދުނު ހޭލާފައި އެންމެ ފުރަތަމަ ކަމަކަށް ފެން ތައްޓެއް ބުއިން ވަރަށް މުހިންމެވެ. ޑރ. ދިކްޝާ ބުނާ ގޮތުގައި ހަތް ގަޑިއިރު ނުވަތަ އަށް ގަޑިއިރު ނިދުމަށްފަހު ހޭލާއިރު ބަނޑުހައި ވެފައި ހުރި ނަމަ ކުޑަކޮށް ތާފަނާކޮށް ފެން ތައްޓެއް ބުއިން ރަނގަޅު ކަމަށެވެ.

ފެން ބޯނީ ކިހިނެއް؟

ފެން ބޯން އެންމެ ރަނގަޅީ އިށީންދެ އިނދެގެންނެވެ. ޑރ. ދިކްޝާ ބުނި ގޮތުގައި ކޮޅަށް ހުރެގެން ފެން ބުއިން އެހާ ރަނގަޅެއް ނޫނެވެ. އޭގެ ސަބަބުން ކިޑްނީއަށް ނޭދެވޭ އަސަރު ކުރުން އެކަށީގެން ވެއެވެ. އަނެއްކޮޅުން އިށީންދެ އިނދެގެން ފެން ބޯނަމަ ހަށިގަނޑުގެ އެތެރެއަށް ނިއުޓްރިއެންޓްސް އެންމެ ފައިދާ ކުރުވަނިވި ގޮތުގައި ފިލްޓާ ކޮށްދެ އެވެ. ކޮޅަށް ހުރެގެން ފެން ބޯނަމަ ފެން ބޮވެނީ އަވަހަށް ކަމުން ނާރުތަކަށް އޭގެ ބާރު ކުރާ މިންވަރުވެސް އިތުރުވެ އެވެ.

ޑރ. ދިކްޝާ އިތުރަށް އިލްތިމާސް ކުރި ކަންކަމުގެ ތެރޭގައި އަވަސް އަވަހަށް ބައިވަރު ފެން ބުއިމުގެ ބަދަލުގައި މަދު މަދުން ލަސް ލަހުން ފެން ބުއިން ރަނގަޅެވެ. އަދި ބޯ ފެން މާ ބޮޑަށް ފިނިކުރުމުގެ ބަދަލުގައި އާދައިގެ ހޫނު މިނެއްގައި ނުވަތަ ތާފަނާކޮށް ފެން ބުއިން ވެސް ރަނގަޅު ކަމަށް އޭނާ ބުންޏެވެ.

ދެން އޮތީ ފެން ބޯން ޖެހޭ މިންވަރެވެ. ގިނަ މީހުންނަށް ހީވެފައި އޮންނަނީ ފެން ބުއިމުގައި ވަކި މިނެއް ނޯންނަ ކަމަށެވެ. ހަޖަމު ކުރުމަށާއި ދިފާއީ ބާރު ވަރުގަދަ ކުރުމުގެ އިތުރުން ހަންގަނޑަށް އިންތިހާއަށް ފެން ބޭނުންވާކަމަށް ގަބޫލުކުރެވޭ ކުރެވުމަކީ ކުށް ހީއެކެވެ. މާ ގިނައިން ފެން ބޯނަމަ ހަށިގަނޑު ބަރުހެލި ވުން ގާތެވެ. އެހެންކަމުން ފެން ބުއިމުގައި ވަކި މިންވަރެއް ހިފެހެއްޓުން މުހިންމެވެ. ޑރ. ދިކްޝާ ބުނި ގޮތުގައި ހަށިގަނޑަށް ފެން ބޭނުންވުމުން އަމިއްލައަށް އެކަން އިހުސާސް ކުރެވޭނެ އެވެ. ކަރު ހިއްކުމުން ކޮންމެ ވަގުތެއްގައިވެސް ފެން ބުއިން މުހިންމެވެ. ކެއުމުގެ ފަހުންވެސް ފެން ބުއިން މުހިންމެވެ. މިގޮތަށް ފެން ބޯނަމަ އެންމެ މަދުވެގެން 1.5 ލީޓަރުގެ ފެން އާދަވެގެން ބޮވޭނެ އެވެ. އެއީ ގާތްގަނޑަކަށް 8 ތަށްޓެވެ. އެއަށްވުރެއް ގިނައިންވެސް ފެން ބުއިމަކީ މައްސަލައެއް ނޫނެވެ. އެހެންނަމަވެސް އާދަޔާ ހިލާފަށް ގިނައިން ފެން ބުއިން ބުއްދިވެރިއެއް ނޫނެވެ.