މޫނުމަތީގެ ނާޒުކު ހަންގަނޑަށް އެންމެ ރަނގަޅީ ރީނދޫ!

ނާޒުކު ހަންގަނޑަށް ރީނދޫ ރަނގަޅު
ނާޒުކު ހަންގަނޑަށް ރީނދޫ ރަނގަޅު
ހުކުރު , 15 ޖެނުއަރީ 2021 | 07:34

މޫނުގެ ހަންގަނޑަކީ ވަރަށް ނާޒުކު ހަންގަނޑެކެވެ. ބައެއް މީހުންގެ މޫނު ވަރަށް ބޮޑަށް ތެޔޮ ވެއެވެ. އަނެއް ބަޔަކު މޫނު ހިކުމުގެ ސަބަބުން ކުރަކި ވާގޮތްވެސް މެދުވެރިވެ އެވެ. އެހެންކަމުން މޫނުގެ ހަންގަނޑަށް ރަނގަޅަށް ބަލައި އަޅައިލުމަކީ މުހިންމު ކަމެކެވެ.

ގިނަ މީހުންނަކީ މޫނުގައި ފާޑު ފާޑުގެ ކްރީމްތަކާއި ފޭސް ވޮޝްތައް އުނގުޅާ މީހުންނެވެ. މޫނުގައި އެކި ކަހަލަ މާސްކު އަޅައި ރީތި ހަންގަނޑެއް ހޯދަން މަސައްކަތްކުރާ މީހުންވެސް މަދެއް ނޫނެވެ. މިގޮތަށް ކުރެވޭ މަސައްކަތުގައި އެކެއްގެ ހަންގަނޑާއި ގުޅޭ ބާވަތް އަނެކެއްގެ ހަންގަނޑާއި ނުގުޅިދާނެ އެވެ. އެއީ އެކި މީހުންގެ ހަންގަނޑު ތަފާތު ވުމުންނެވެ. ބައެއް މީހުންނަކީ އިންތިހާއަށް ނާޒުކު ހަންގަނޑެއްގެ ވެރިންނެވެ.

ނާޒުކު ހަންގަނޑަކަށް ފަރުވާ ކުރުމަށް އެންމެ ރަނގަޅީ ގުދުރަތީ ބާވަތްތަކެވެ. މޫނު ސާފު ކުރުމަށް އޮރެންޖު ފަދަ ތަކެތި ބޭނުން ކުރެވިދާނެ އެވެ. ފިހާރައިގައި ވިއްކަން ހުންނަ ތައްޔާރީ އުފެއްދުންތަކުގެ ބަދަލުގައި ގުދުރަތީ ކޮންމެ ބާވަތެއްވެސް ބޭނުން ކުރުން ރަނގަޅުވާނެ އެވެ.

ޑާމަޓޯލޮޖިސްޓް އަދި ކޮސްމެޓޯޅޮޖިސްޓް ޑރ. ގީތިކާ މިތޭލް ގުޕްތާ ވިދާޅުވާ ގޮތުގައި ނާޒުކު ހަންގަނޑަށް އެންމެ ރަނގަޅު އެއް ބާވަތަކީ ރީނދުލެވެ. ރީނދޫ އަކީ މިހާރުވެސް ގިނަ ބަޔަކު މޫނުގައި ހާކަން ބޭނުންކުރާ ބާވަތެކެވެ. ޑރ. ގީތިކާ ވަނީ ރީނދޫ އިން މޫނުގައި އަޅަން ތައްޔާރުކޮށްލެވިދާނެ މާސްކެއް ކިޔައިދީފަ އެވެ.

އެގޮތުން ރީނދޫ އާއިއެކު ރޯޒް ވޯޓާ އާއި އެލޯވެރާ ޖެލްކޮޅެއް އެއްކޮށްލައިގެން މާސްކެއް ތައްޔާރު ކުރެވިދާނެ އެވެ. މިމާސްކު މޫނުމަތީގައި ކޭތުމަށްފަހު 10 ވަރަކަށް މިނެޓު ބަހައްޓާށެވެ. އެއަށްފަހު މޫނު ރަނގަޅަށް ދޮވެލާށެވެ.

ޑރ. ގީތިކާ ވިދާޅުވި ގޮތުގައި ރީނދޫގެ ސަބަބުން ހަންގަނޑުގައި އޮށާޅާ ނެގުމާއި ބްލެކް ހެޑްސް ނެގުމުންވެސް ސަލާމަތްކޮށްދީ ސާފުކޮށްދޭނެ އެވެ. އަދި އެލޯވެރާއިން ހަންގަނޑު ރަތް ވުމާއި ކުރަކިވިޔަ ނުދީ ހުންނާނެ އެވެ. މިއީ ގޭގައި އުޅޭ އިރު ތައްޔާރުކޮށްލައިގެން މޫނުމަތީގައި ކާތައް ރަނގަޅު މާސްކެކެވެ. ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު މި މާސްކު ބޭނުން ކުރުމުން ނާޒުކު ހަންގަނޑަށް ދިމާވާ އެކި މައްސަލަތަކުން ސަލާމަތް ވާނެ އެވެ.