ސޯލްޓް ކެފޭގައި ޕާޓިއެއް ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުލުހުން ދީފި

ސޯލްޓް ކެފޭ
ސޯލްޓް ކެފޭ
ހޯމަ , 22 ފެބްރުއަރީ 2021 | 18:33

މާލޭގައި ހުންނަ ސޯލްޓް ކެފޭގައި ކައިވެނި ޕާޓީއެއް ކުރިއަށް ގެންދަނިކޮށް ފުލުހުން އެތަނަށް ދިއުމަށްފަހު ނަސޭހަތްތެރިވެ ޕާޓީ ކުރިއަށް ގެންދިއުމުގެ ފުރުސަތު ދީފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން އެއްވެސް ޕާޓީއެއް، ހަފްލާއެއް އަދި 10 މީހުންނަށްވުރެއް ގިނައިން ބާއްވާ އެއްވުންތައްވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފަ އެވެ. އެފަދަ ކަންކަން ކުރިއަށް ދާނަމަ އެކަން ހުއްޓުވުމާއި ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު އޮތީ ފުލުހުންނަށް ދީފަ އެވެ.

ސޯލްޓް ކެފޭގައި ކުރިއަށް ގެންދިޔަ ކައިވެނި ޕާޓިއާއި ގުޅިގެން ފުލުހުންނާއި ސުވާލު ކުރުމުން ބުނީ ހަވީރު 5:30 ހާއިރު ޕާޓީ ހުއްޓުވައި ސޯލްޓް ކެފޭ ޖޫރިމަނާވެސް ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ފުލުހުން އެތަނުން ނިކުތް ފަހުންވެސް ޕާޓީ ކުރިއަށް ގެންދިޔަ އެވެ.

ފުލުހުން ޕާޓީ ހުއްޓުވިކަމަށް ބުނި ފަހުންވެސް އެތަނުގައި ޕާޓި ކުރިއަށް ދާތީ މީޑިއާއިން ފުލުހުންނާއި އެކަން ހިއްސާ ކުރި އެވެ. އޭގެ ފަހުން ފުލުހުން ބުނީ ހުއްޓުވި ފަހުންވެސް ޕާޓީ ކުރިއަށް ގެންގޮސްފައިވާތީ ދެވަނަ ފަހަރަށް ފުލުހުން އެތަނަށް ގޮސް ޕާޓީ ހުއްޓުވި ކަމަށެވެ.

އެ ރިޕޯޓު ފުލުހުން މީޑިއާ އާއި ހިއްސާ ކުރީ މިރޭ 7 ޖަހާކަށް ހާއިރު އެވެ. މައުލޫމާތު ލިބޭ ގޮތުގައި ޕާޓީ ފެށުނީ ހަވީރު 4 ޖެހިއިރު އެވެ. އެހެންކަމުން ރޭގަނޑު 7 ޖެހިއިރު ޕާޓީ ނިންމައިލީ ކަމަށް ބެލެވެ އެވެ.