އެމަޒޯން ޕްރައިމްގެ ވެބް ސީރީޒްއަކަށް ޝާހިދާއި ވިޖޭ ސޮއިކޮށްފި

ޝާހިދު އަދި ވިޖޭ އެމަޒޯންގެ ސީރީޒްއަކަށް ވަނީ ސޮއި ކޮށްފައި
ޝާހިދު އަދި ވިޖޭ އެމަޒޯންގެ ސީރީޒްއަކަށް ވަނީ ސޮއި ކޮށްފައި
ހޯމަ , 28 ޑިސެމްބަރ 2020 | 21:29

ސްޓްރީމިން ޕްލެޓްފޯމް "އެމަޒޯން ޕްރައިމް" ގެ ވެބް ސީރީޒް އަކަށް ބޮލީވުޑް އެކްޓަރު ޝާހިދު ކަޕޫރާއި ތަމަޅަ އެކްޓަރު ވިޖޭ ސޭތުޕަތީ ސޮއިކޮށްފި އެވެ.

ބޮލީވުޑް ފިލްމު "ގޯ ގޯއާ ގޯން" ގެ ދެ ޑައިރެކްޓަރުން ކަމަށްވާ ކްރިޝްނާ ޑީކޭ އާއި ރާޖް ނިދިމޯރޫ ޑައިރެކްޓު ކުރާ އެ ސީރީޒް ރަސްމީކޮށް އިއުލާން ނުކުރި ނަމަވެސް ސީރީޒް އަށް ކިޔާ ނަމަކީ "ގަވާރް" ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެކްޝަން / ތްރިލާ މި ސީރީޒްގެ މަސައްކަތް އަންނަ ޖެނުއަރީ މަހު ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެފައިވާއިރު ޝާހިދާއި ވިޖޭގެ ތާރީހުވެސް މިހާރު ވަނީ ސީރީޒް އަށް ލޮކް ކޮށްފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ސީރީޒްގެ މަންޒަރުތައް ނަގާނީ އިންޑިއާގެ މުމްބާއީ އަދި ގޯއާގަ އެވެ. ސީރީޒްގެ ފުރަތަމަ ސީޒަންގައި އަށެއް ނުވަތަ ދިހަ އެޕިސޯޑު ހިމެނޭނެ އެވެ. ސީރީޒްގެ ފުރަތަމަ ސީޒަންގެ މަސައްކަތް މުޅިން ނިންމާލެވޭނީ މާޗު ނޫނީ އޭޕްރީލް މަހުގެ ތެރޭގައި ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުންނަމަ "ގަވާރް" ގެ މަސައްކަތް ޝާހިދު ފަށާނީ ދަރްމާގެ "ޔޯދާ" ގެ މަސައްކަތް ނިންމައިފަ އެވެ. އެހެންނަމަވެސް ތާރީހުތަކަށް ބަދަލު ގެނަސް "ޔޯދާ" ގެ މަސައްކަތް ފަށާނީ އެމަޒޯންގެ ސީރީޒް އަށް ފަހު އެވެ.