އެންމެ މުހިންމީ ކޮންމެ ކަމެއްވެސް ކުރެވޭނެ ކަން ގަބޫލުކުރުން: އާލިއާ

ކަމަކާއި ހަމައަށް ވާސިލްވުމަށް އެންމެ މުހިންމު ކަމަކީ ކޮންމެ ކަމެއްވެސް ކުރެވިދާނެކަން އެންމެ ފުރަތަމަ ތިމާ އަމިއްލައަށް ގަބޫލު ކުރުން ކަމަށް ބޮލީވުޑް ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.
އާލިއާ ދޭތެރެ ދޭތެރެއިން އޭނާގެ ފޭނުންނަށް ހާއްސަ މެސެޖު ހިއްސާ ކުރެއެވެ. އެގޮތުން އޭނާ މިހާރު ހުރި ހިސާބާއި ހަމައަށް އައުމަށް ކުރި ތަޖުރިބާ ތަކާއި ގުޅޭ ގޮތުން ގިނަ ޥާހަކަތަކެއް އާލިއާ އަބަދުވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެ އެވެ.
ދާދި ފަހުން އާއިލާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ ކަމެއް ކުރުމަށް އަޒުމު ކަނޑައަޅާ ހިސާބުން އެކަމެއް ތިމާއަށް ކުރެވޭނެކަން ގަބޫލުކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ކިތަންމެ އުނދަގޫ ކަމެއް ކުރަން ޖެހުނު ނަމަވެސް ދޫ ނުދީ ކުރިއަށް ދާނަމަ އެކަމެއް ދާދި އަވަހަށް ހާސިލް ވާނެ ކަމަށް އާލިއާގެ މެސެޖުގައި ބުންޏެވެ.
އާލިއާގެ އިންސްޕިރޭޝަނަލް މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރިއިރު ބޮލީވުޑަށް އާލިއާ ނިކުތީއްސުރެއް ގިނަ އިންޓަވިއުތަކެއްގައި އޭނާ ވަނީ އެކްޓަރު ރަންބީރު ކަޕޫރާއިއެކު ޑޭޓަކަށް ދާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ގިނަ އަހަރުތަކަކަށްފަހު އާލިއާ އާއި ރަންބީރު މިހާރު އުޅެނީ ލޯބީގެ ގޮތުން ގުޅިގެންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ދެތަރިން ވަރަށް އަވަހަށް ކައިވެނީގެ ގޮތުން ގުޅޭނެ އެވެ.
އާލިއާ އަދި ރަންބީރު މިހާތަނަށް އައިއިރު ސިލްވަ ސްކްރީނުން އެކީގައި ފެނިގެން ގޮސްފައެއް ނުވެ އެވެ. އެހެންނަމަވެސް މިހާރު ޕްރޮޑަކްޝަން މަރުހަލާގައި އޮންނަތާ 3 އަހަރު ވެފައިވާ ދަރުމާގެ "ބްރަމާސްތްރަ" އިން މި ދެތަރިން އެކީގައި ފެންނާނެ އެވެ. އެ ފިލްމު ރިލީޒްވާނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.
އާލިއާގެ އެންމެ އަވަހަށް ފެންނާނެ ކަމަށް ބެލެވެނީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓު ކުރާ "ގަންގޫބާއީ ކަތިއަވަޑީ" އިންނެވެ. ރަންބީރު އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރަށް ރިލީޒްކުރަން ތާވަލުކޮށްފައިވާ "ޝަމްޝޭރާ" އިންނެވެ.