ރަންބީރާއި އާލިއާ އެންގޭޖްވީ؟

ރަންބީރާއި އާލިއާ
ރަންބީރާއި އާލިއާ
ބުދަ , 30 ޑިސެމްބަރ 2020 | 18:52

ބޮލީވުޑް އެކްޓަރު ރަންބީރު ކަޕޫރާއި ބަތަލާ އާލިއާ ބަޓް އެންގޭޖްވެއްޖެ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

ބޮލީވުޑް ހަބަރުތައް ގެނަސްދޭ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ރަންބީރާއި އާލިއާ މިދިޔަ އަންގާރަ ދުވަހު މުމްބާއި އެއާޕޯޓުން ފެނިފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ދެ ތަރިން ދަތުރު ކުރީ ޖެއިޕޫރަށެވެ. ދެ ތަރިންނާއިއެކު ރަންބީރުގެ މަންމަ ނީތޫ ސިންގް ވެސް ހުރި ކަމަށް ވެ އެވެ.

އޭގެ ފަހުން ހަމަ އެދުވަހު އެކްޓަރު ރަންވީރް ސިންގާއި އަންހެނުން ދީޕިކާ ޕަދުކޯންވެސް ވަނީ ޕިންކް ސިޓީއަށް ދަތުރު ކުރި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެ ދަތުރުގައި ރަންބީރާއި އާލިއާ އެކީގައި ފެންނަ ފިލްމު "ބްރަމާސްތްރަ" ގެ ޑައިރެކްޓަރު އަޔާން މުކަރްޖީވެސް ބައިވެރިވި އެވެ.

ކުރިން ބެލެވުނު ގޮތުގައި މި ހުރިހާ މީހުން ޕިންކް ސިޓީއަށް ދަތުރު ކުރަނީ ޝޫޓިން އަކަށެވެ. އެހެންނަމަވެސް ފަހުން އާލިއާގެ ބައްޕަ މަހޭޝް ބަޓް އާއި، ރަންބީރުގެ ކޮއްކޮ ރިދިމާ ކަޕޫރުގެ އިތުރުން އާދަރް ޖައިންގެ އިތުރުން ރަންބީރާއި އާލިއާގެ އެންމެ ގާތް ކަރަން ޖޯހަރުވެސް ވަނީ ޕިންކް ސިޓީއަށް ދަތުރު ކޮށްފަ އެވެ. އެހެންކަމުން މިއީ ޝޫޓިންއަކަށް ދިޔަ ދަތުރެއް ނޫންކަމަށް މިހާރު ވަނީ ބެލެވިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި އެންމެންވެސް ތިބީ ރަންތަމްބޯރުގައި ހުންނަ ހޮޓަލެއްގަ އެވެ. އާ އަހަރު ފާހަގަކުރުމަށް ގިނަ ތަރިންތަކެއް އެއްތަނަކަށް އެއްވި ކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓު ކުރެ އެވެ. އެހެންނަމަވެސް ރަންބީރާއި އާލިއާގެ އާއިލާ މެމްބަރުންނާއެކު ޕިންކް ސިޓީއަށް ދަތުރު ކޮށްފައިވާތީ މިއީ ދެތަރިންގެ އެންގޭޖްމެންޓު ހަފްލާއަށް ކުރި ދަތުރެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރަންބީރާއި އާލިއާ މި އަހަރު ކައިވެނި ކުރުމަށް ކުރިން ނިންމާފައި އޮތް ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ކައިވެނި ލަސްކުރި ކަމަށް ރިޕޯޓުތައް ބުންޏެވެ. މި ދެ ތަރިންގެ ކައިވެނި ހަފްލާގެ ކާޑުތައްވެސް ބަހަން ފެށި ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފަހަރުގައި ރަންބީރާއި އާލިއާ އާ އަހަރުގެ ފުރަތަމަ ދުވަހު ކައިވެނި ކުރުން އެކަށީގެންވެ އެވެ.