އަނަންޔަ އާއި އިޝާން އާ އަހަރު ފާހަގަކުރަން ރާއްޖޭގައި

ބޮލީވުޑް އެކްޓަރު އިޝާން ކައްޓަރު އާއި އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ އަނަންޔަ ޕާންޑޭ އާ އަހަރު ފާހަގަ ކުރަން ރާއްޖެ އައިސްފި އެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ދެ ތަރިން ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ. ދެތަރިން ޗުއްޓީ ހޭދަ ކުރަމުން ދަނީ ސަން އަކުއާ އިރުވެލި ރިޒޯޓުގަ އެވެ.
މި ދެ ތަރިންވެސް ދަނީ އެމީހުންގެ ސޯޝަލް މީޑިއާގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މަންޒަރުތައް ހިއްސާ ކުރަމުންނެވެ. އިއްޔެ ދެތަރިންވެސް ސްނޯކަލިންއަށް ގޮސް ފޮޓޯ ނަގާފައިވާއިރު އިރުވެލި ރިޒޯޓުގެ ހިތްގައިމު ގޮނޑުދޮށުގައި ނަގާފައިވާ ރީތި ފޮޓޯތައް ދެތަރިންވެސް ވަނީ ހިއްސާ ކޮށްފަ އެވެ.
އަނަންޔަ އާއި އިޝާން ލޯބީގެ ގޮތުން ގުޅުނީ މި އަަހަރު ރިލީޒްވި "ކާލީ ޕީލީ" ގެ ޝޫޓިންގެ ތެރެއިން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އަނަންޔަ ދެން އެންމެ އަވަހަށް ސިލްވަ ސްކްރީނުން ފެންނާނީ ދިޕިކާ ޕަދުކޯން އަދި ސިދާންތު އާއެކު ފިލްމު "ފައިޓާ" އިންނެވެ. މީގެ އިތުރުން އިޝާން ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ ކެޓްރީނާ ކެއިފް އާއި ސިދާންތު އާއި އެކު "ފޯން ބޫތު" އިންނެވެ. މި ދެ ފިލްމުވެސް އަންނަ އަހަރު ރިލީޒްވާނެ ކަމަށް ބެލެވެ އެވެ.