އަނުޝްކާ ވިހައިފި، އެދެނީ ދަރީގެ ފޮޓޯ ނުނަގަން

އަނުޝްކާ އާއި އޭނާގެ ފިރިމީހާ ވިރާތު
އަނުޝްކާ އާއި އޭނާގެ ފިރިމީހާ ވިރާތު
ބުދަ , 13 ޖެނުއަރީ 2021 | 15:49

އިންޑިއާގެ މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ވިރާތު ކޯލީގެ ދަރިއަކަށް ބަލިވެ އިނދެ ބޮލީވުޑް ބަތަލާ އަނުޝްކާ ޝަރުމާ ވިހެއުމާއިއެކު ދަރީގެ ފޮޓޯ ނުނެގުމަށް ޕަޕަރާޒީގެ ފަރާތުން އެ ދެމަފިރިން އެދެފި އެވެ.

އަނުޝްކާ ވިހެއީ މިދިޔަ ހޯމަ ދުވަހު އެވެ. ބޮލީވުޑް ތަރިންގެ ދިރިއުޅުމުގެ ކަންކަމަށް ފާރަލައި ފޮޓޯ ނަގަން އިންޑިއާގައި ޕަޕަރާޒީން ހަރަކާތްތެރިވެ އެވެ. އަނުޝްކާ އާއި ވިރާތަކީ އިންޑިއާގެ ޖޯޑުންގެ ތެރެއިން މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ހުއްޓިފައިވާ އެއް ޖޯޑެވެ. އެހެންކަމުން ޕަޕަރާޒީން މިހާރު ތިބީ މި ދެ ތަރިންގެ ދަރީގެ ފޮޓޯއެއް މީޑިއާ މެދުވެރިކޮށް ގެނަސްދިނުމަށް ފާރަލާށެވެ.

މުމްބާއީގެ ހޮސްޕިޓަލެއްގައި އަނުޝްކާ ވިހެއީ އަންހެން ކުއްޖެކެވެ. އަނުޝްކާ ވިހެއުމާއިއެކު ވިރާތު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އާންމުންނާއި މީޑިއާތަކުން އަދި ސޯޝަލް މީޑިއާގައިވެސް އެ ދެ ތަރިންނަށް ލިބެމުންދާ ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ. އެހެންނަމަވެސް ހުރިހާ އެންމެންގެ ފަރާތުން އަދި ހާއްސަކޮށް ޕަޕަރާޒީގެ ފަރާތުން އެންމެ ބޮޑަށް އެދޭ ކަމަކީ ދަރީގެ ފޮޓޯ ނުނެގުމަށް ކަމަށް ވިރާތު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ދަރިފުޅު އެހާ ކުޑައިރު ނަގާ ފޮޓޯތައް ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވައިރަލް ކުރުވަން އަދި ބޭނުމެއް ނޫނެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އަނުޝްކާ އާއި ވިރާތު އެމީހުންގެ ދަރިފުޅު އާންމުންނަށް ދައްކާނީ ހާއްސަ މެގަޒިންއެއް މެދުވެރިކޮށެވެ. އެހެންނަމަވެސް މި މައުލޫމާތު ކަށަވަރެއް ނޫނެވެ.

ވިރާތަކީ އިންޑިއާގައި އެންމެ ބޮޑު ފޭން ބޭސްއެއް އޮންނަ އެއް ޕަބްލިކް ފިގާ އެވެ. އަނުޝްކާއާއި އޭނާ ކައިވެނި ކުރުމާއެކު ދެތަރިންގެ ފޭން ބޭސްވެސް ވަނީ ބޮޑު ތަނުން އިތުރުވެފަ އެވެ.