ބަންސާލީ ކޮވިޑުން ފަސޭހަވެ ގަންގޫބާއީގެ ޝޫޓިން ފަށަނީ

ސަންޖޭ ލީލާ ބަންސާލީ
ސަންޖޭ ލީލާ ބަންސާލީ
ބުދަ , 24 މާރޗް 2021 | 09:10

މަޝްހޫރު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ކޮވިޑް-19 އިން ފަސޭހަ ވުމާއިއެކު އޭނާ މަސައްކަތް ކުރަމުންދިޔަ "ގަންގޫބާއީ ކަތިއަވަޑީ" ގެ ޝޫޓިންތައް އަލުން ފަށަން ނިންމައިފި އެވެ.

ބަންސާލީއަށް ކޮވިޑް ޖެހުނުކަން އެނގުނީ ޝޫޓު ކުރަމުން ދަނިކޮށް މިމަހުގެ 9 ވަނަ ދުވަހު އެވެ. ޝޫޓިންގައި އުޅުނު ފިލްމުގެ ބަތަލާ އާލިއާ ބަޓް ވަނީ ބައްޔަށް ނެގެޓިވް ވެފަ އެވެ. އެހެންނަމަވެސް އާލިއާއަށް ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރަން ޖެހުނީ އޭނާ މަސައްކަތް ކުރަމުންދިޔަ އަނެއް ފިލްމު "ބްރައްމާސްތްރަ" ގެ ކޯ ސްޓާ އަދި ލޯބިވެރިޔާ ރަންބީރު ކަޕޫރު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ބަންސާލީ ނެގެޓިވްވިކަން އިއްޔެ ކަށަވަރުވި ނަމަވެސް ޝޫޓިން ފެށުމުގެ ކުރިން 14 ދުވަހުގެ ކަރަންޓީނު މުއްދަތު އޭނާއަށް ފުރިހަމަ ކުރަން ޖެހޭނެ އެވެ.

"ގަންގޫބާއީ ކަތިއަވަޑީ" ގެ ޝޫޓިން މެދުކަނޑައިލަން ޖެހުނުއިރު އެ ފިލްމު ސިނަމާތަކުގައި އަޅުވާނެ ތާރީހުވެސް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. ޖުލައި 30 ވަނަ ދުވަހު ފިލްމު ރިލީޒް ކުރަން ނިންމާފައިވާއިރު ފިލްމުގެ ޝޫޓިންގެ ބައެއް މަސައްކަތްތައް އަދިވެސް ނުނިމެ އެވެ.

އާލިއާ ލީޑް ރޯލުން ފެންނަ މި ފިލްމުގައި އަޖޭ ދޭވްގަންވެސް މުހިންމު ރޯލެއް ކުޅޭނެ އެވެ. ފިލްމުގެ ޓްރެއިލާ މިހާރު ރިލީޒް ކޮށްފައިވާއިރު ބެލުންތެރިންގެ ރަނގަޅު ތަރުހީބެއް ޓްރެއިލާއަށް އަންނަނީ ލިބެމުންނެވެ. ހާއްސަކޮށް އާލިއާގެ އެކްޓިން ވަރަށް ބޮޑަށް ފާހަގަކޮށްލެވެ އެވެ.

"ގަންގޫބާއީ ކަތިއަވަޑީ" އަކީ އާލިއާ ބަންސާލީއާއިއެކު ކުރާ ފުރަތަމަ މަސައްކަތެވެ. މިފިލްމަކީ އާލިއާގެ އެކްޓިން ކެރިއަރު އާ އުސްމިންތަކަކަށް ގެންގޮސްދޭނެ ފިލްމެއްކަމަށް ބެލެވެ އެވެ. ބަންސާލީއަށްވެސް އާލިއާގެ އެކްޓިން ކަމުގޮސް އޭނާގެ ވެބް ސީރީޒްގެ މުހިންމު ރޯލެއްވެސް މިހާރު ވަނީ އާލިއާއަށް ހުށަހަޅައިފަ އެވެ. މީގެ އިތުރުން އޭނާގެ އެންމެ ބޮޑު އެއް ފިލްމުކަމަށް ބެލެވޭ "އިންޝާ ﷲ" ގެ ލީޑްރޯލުވެސް އާލިއާއަށް ހުށަހަޅާފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.