ހަންސަލް މެހެތާގެ ކުރިއަށް އޮތް ފިލްމުވެސް ކާރްތިކް އަށް

ކާރްތިކް އާރްޔާން
ކާރްތިކް އާރްޔާން
ހޮނިހިރު , 03 އޭޕްރިލް 2021 | 10:41

"ސިޓީލައިޓްސް". "ޝާހިދު" އަދި "ސްކޭމް 1992" ފަދަ މޮޅެތި މަސައްކަތްތަކުގެ ޑައިރެކްޓަރު ހަންސަލް މެހެތާގެ ކުރިއަށް ފިލްމު އެކްޓަރު ކާރްތިކް އާރްޔާން އަށް ހުށަހަޅައިފި އެވެ.

ބޮޑެތި ގިނަ ފިލްމުތަކަކަށް މިހާރު ސޮއިކުރަމުންދާ ކާރްތިކް އަށް މެހެތާ އެ ފިލްމު ހުށަހެޅިއިރު، އެއީ ހަގީގީ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންނަމަވެސް ފިލްމުގެ މާބޮޑު ތަފްސީލެއް މިހާތަނަށް މީޑިއާތަކަށް ތިލަވެފައެއް ނުވެ އެވެ.

މިފިލްމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކާރްތިކް އާއިއެކު ބައްދަލުވުންތަކެއް ބޭއްވިނަމަވެސް އަދި ކާރްތިކް އެ ފިލްމަށް ސޮއިކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް ފިލްމުގެ ސްކްރިޕްޓް އޭނާއަށް ވަރަށް ކަމުދިޔަކަމަށް ރިޕޯޓުތައް ބުނެ އެވެ.

މެހެތާގެ ކުރިއަށް އޮތް ފިލްމު ޕްރޮޑިއުސް ކުރާނީ ރޯނީ ސްކްރޫވާލާ އެވެ. އަދި ފިލްމުގެ ޝޫޓިންތައް ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކާރްތިކް މިހާރު މަސައްކަތް ކުރަމުން ދަނީ ހޮރޯ ކޮމެޑީ "ބޫލު ބުލައްޔާ 2" ގަ އެވެ. އޭގެ ފަހުން ދަރްމާގެ "ދޯސްތާނާ 2" ގެ ނުނިމި އޮތްބައިގެ މަސައްކަތްތައްވެސް ކުރާނެ އެވެ. މީގެ އިތުރުން ކާރްތިކްގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި ޝާހުރުކްހާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީޒް އެންޓަޓެއިންމެންޓުގެ ކުރިއަށް އޮތް ފިލްމާއި، އާނަންދް އެލް ރާއީގެ ފިލްމުގެ އިތުރުން ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއްވެސް އެބަ އޮތެވެ.

ކާރްތިކް ދެން އެންމެ އަވަހަށް ފެންނާނީ ނެޓްފްލިކްސްގައި ރިލީޒް ކުރާ ފިލްމު "ދަމާކާ" އިންނެވެ.