ފައިސާއަށްޓަކައި ބިދޭސީން ގިނަކޮށް، ގަނެ ވިއްކީ ރައީސް ޔާމީން މިނިސްޓަރަކަށް ހުންނަވައި: މެމްބަރު އާޒިމް 

މެޖޯރިޓީ ލީޑަރު އަލީ އާޒިމް
މެޖޯރިޓީ ލީޑަރު އަލީ އާޒިމް
ބުދަ , 27 މެއި 2020 | 23:37

މިރާއްޖެއަށް ބިދޭސީން އިތުރު ކޮށް އިންސާނުން ގަނެ ވިއްކުމުގެ [ހިއުމަން ޓްރެފިކިން] ކަންކަން ކުރީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައި، އެމަނިކުފާނު އަމިއްލަފުޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން އިދިކޮޅު މެމްބަރުން މި ސަރުކާރުގައި އަޅުވާ އިލްޒާމުތައް ކުށްވެރި ކުރައްވާ ކަމަށެވެ. އަދި އެކަމުގައި އިހުމާލު ވެފައި އޮތީ މި ވޭތުވެދިޔަ ސަރުކާރުގައި އިސްކޮށް ތިއްބެވި ފަރާތްތައް ކަމަށާއި ޚާއްސަ ކޮށް ރައީސް ޔާމީން ކަމަށެވެ.

ޔާމީން އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި އިރު، ބިދޭސީންގެ ތެރޭގައި . މިރާއްޖެއަށް ބިދޭސީން އިތުރު ކޮށްގެން ގޯސްކޮށް ފައިސާއަށްޓަކައި މިބުނާ ހިއުމަން ޓްރެފިކިން އިންސާނުން ގަނެ ވިއްކުމުގެ ކަންކަން ކުރީ ލާރިއަށްޓަކައި ޔާމީން އިކޮނޮމިކް މިނިސްޓަރަކަށް ހުރެގެން.މިއީ ކޮންމެ މީހަކުވެސް ގަބޫލު ކުރަންޖެހޭ ކަމެއް. އެހިސާބުން ފެށިގެން މިރާއްޖޭގައި ބިދޭސީންގެ ކަންކަން ހައްލު ނުވެގެން މި އުޅެނީ. އެކަން ހައްލު ނުވެ ނޫންގޮތަކަށް ކުރިއަށްް ދެވޭކަށް ނެތް.

- މެޖޯރިޓީ ލީޑަރު އަލީ އާޒިމް

އާޒިމް ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން މިސަރުކާރުގެ އިހުމާލުގެ ވާހަކަ ދައްކާ އިދިކޮޅު ފަރާތްތަކަކީ "ތަނެއް ދޮރެއް ނުދަނެ މިތަނަށް ވަދެ ތިބި ގަމާރުން" ކަމަށެވެ.

އެހެންވީމާ މިއަދު އިހުމާލުގެ ވާހަކަ ތެދުވެ މާ އަތް ފުޅާ ކޮށްފައި މެމްބަރު ސަލީމު މެމްބަރު ސައީދު މެމްބަރު ތޯރިގު، މެމްބަރު ސިޔާމު މިދައްކަވަނީ.

- މެޖޯރިޓީ ލީޑަރު އަލީ އާޒިމް

އާޒިމް އެގޮތަށް ވިދާޅުވުމުން ނިޒާމީ ނުކުތާއެއް ނަންގަވައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވީ އާޒިމް ވިދާޅުވި ވާހަކަ ސާފުކޮށްލާ ނަމަ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވައިގެން ފެއްޓެވި މަސައްކަތް ފުރިހަމަ ކުރެއްވީ ކޮއްކޯފުޅު އިމިގްރޭޝަންގައި ހުންނަވައިގެން ކަމަށެވެ.

ރައީސް ޔާމީންގެ ކޮއްކޯފުޅު އަދި ކުރީގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ކޮންޓްރޯލަރގެ މަގާމު ޢަބްދުﷲ އަލްގީން ވަނީ އަދާކުރައްވާފަ އެވެ. އީސަ ވިދާޅުވީ ރާއްޖެއަށް 40،000 ބިދޭސީން ގެނެސް މާލޭގެ މަގުމައްޗަށް އަޅާލީ ކަމަށެވެ.

އެ މަސައްކަތް ފެއްޓެވީ ރައީސް ޔާމީން ކަމަށާއި ނިންމެވީ ކޮއްކޯފުޅު

- ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ

ކައުންސިލަރުންގެ ދައުރު ދަންމާލަށް ސަރުކާރުގެ ފަރާތުން ގާނޫނު އަސާސީއަށް އިސްލާހު ހުށައެޅި މައްސަލައަށް ވެރިކަން ކުރާ އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުންގެ ޚިޔާލު ތަފާތެވެ.

އެކަމާއި ގުޅިގެން އިދިކޮޅު މެމްބަރުން ފާޑު ކިޔަމުންދާތީ އެއަށް ރައްދު ދެއްވާ އާޒިމް ވިދާޅުވީ އެމްޑީޕީ މެމްބަރުން އެކި ކަންތައްތަކުގައި ޚިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އެއީ ފިތުނަ ވެރިކަމެއް އަދި ހަސަދަ ވެރިކަމެއް ނޫން ކަމަށާއި އެމްޑީޕީއަކީ ދިރުން ހުރި ޕާޓީއެއް ކަމަށެވެ.