ނާސްޕަތީ: އެއް ވަނައިގެ މޭވާއެއް

ނާސްޕަތީ
ނާސްޕަތީ
އާދިއްތަ , 02 އޮގަސްޓް 2020 | 11:15

ކޮންމެ އެއްޗަކަށްވެސް ނަމެއް ދީފައިވާއިރު ހަމަ އޭގެ އަނެއްކޮޅުން އިނގިރޭސިން ވެސް ނަމެއް ދީފައި އޮވެއެވެ. އެގޮތުން ނާސްޕަތީ އަކީވެސް ޕިއާރސްއާއި ވައްތަރުގޮތެއް ހުންނަ ޕިއާރސް އާއިލާގެ މެވާއެކެވެ. ނާސްޕަތީ ގިނަ ފަހަރަށް ބޭނުންކުރަނީ ފަނިގިރާށާއި، ހުހަށް ކެއުމަށެވެ.

ހަށިގަނޑަށް ފައިދާހުރި ތަފާތު އެތައް ކާނާގެ ބާވަތެއް ހިމެނިފައިވާ މިމޭވާގެ ތަފާތު ކުލަތައް ހުރެއެވެ. ރާއްޖެއަށް އެތެރެކުރާ ނާސްޕަތީގައި ގިނައިން ފެންނަނީ ރީނދުލާ، ފެހި ކުލައެވެ. ނާސްޕާތީ އިން ލިބޭ ޞިއްޙީ ފައިދާތައް ވަރަށް ގިނައެވެ. އާންމު ދިރިއުޅުމުގައި އުޅޭއިރު ދިމާވާ ގިނަ މައްސަލަތަކެއްގެ ހައްލު ނާސްޕަތީ އިން ލިއްބައިދެއެވެ.

ބަނޑުހިކުން

ނާސްޕާތީ އަކީ ކުޑަކަމުދިއުން ފަސޭހަކޮށްދޭ އެއްޗެކެވެ. އަދި ބޮޑުކަމުދިއުން ވެސް ފަސޭ ހަކޮށްދެއެވެ. ގަވާއިދުން ނާސްޕާތީ ފަނި ބުއިމަކީ ގޮހޮރުގެ ހަރަކާތްތައް ކޮންޓްރޯލްކޮށް، ހަމައަކަށް އަޅުވައި، ބޮޑުކަމުދިއުން ފަސޭހަކޮށްދޭނެ ކަމެކެވެ. ނާސްޕާތީ ގައި ހިމެނޭ ފައިބަރ މާއްދާއަކީ ވެސް ބަނޑުހިކުން ފަސޭހަ ކޮށްދިނުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. ނާސްޕަތީގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުން ބަނޑު ހިކޭ މީހުންނަށް ވަރަށް ފަސޭހަ ވެގެންދެއެވެ.

ހަށިގަނޑަށް ހަކަތަ ލިއްބައިދިނުން

ނާސްޕާތީ ޖޫސް ބޭނުންކުރުމުން އަވަހަށް ހަށިގަނޑުގައި ވަރުޖެހި، ބާރުޖެހެއެވެ. ނާސްޕާތީ ގައި ހިމެނޭ ގުލްކޯޒްއަކުން ހަށިގަނޑު ރޫފަ ޖައްސާ ބާރު ޖައްސުވައިދެއެވެ. މީގެ އިތުރުން މިމޭވާގައި ކާބޯހައިޑްރޭޓް ވެސް ގިނައިން ހުރުމަކީ ހަށިގަނޑަށް ހަކަތަ ލިބުމަށް އެހީތެރިވެދޭ ކަމެކެވެ.

ކަށިފީވުމުން ސަލާމަތްކޮށްދޭ

ކަށި ފީވުމަށްވެސް ނާސްޕަތީ ޖޫސް ވަރެއް ހަމަ ނެތެވެ. އުމުރުން ދުވަސްވުމުން ދިމާވާ ކަށި ފީވުމުން ރައްކާތެރިކޮށް ހިމާޔަތް ކޮށް ދެއެވެ. ކަށީގައި ހިމެނޭ ކެލްސިއަމް އަދި މެގްނީޒިއަމްގެ މަސައްކަތްތައް ފުރިހަމަ ކުރުމުގައި ނާސްޕަތީ ބޭނުން ކުރުމުން އެހީތެރިވެދެއެވެ.

ހަށިގަނޑަށް ފައިދާހުރި މި މޭވާ ރާއްޖޭގެ ބާޒާރުތަކުން މަދުމަދުން ލިބެއެވެ. ރާއްޖޭގައި މިބާވަތުގެ މޭވާ ނުހެއްދެނީ މާބޮޑަށް ހޫނު ގަދަވީމައެވެ. ނާސްޕަތީއަކީ މިއި ފިނި ތަންތާ ހެއްދޭ މޭވާއެކެވެ.